މީރާ

ނުލިބި ހުރި 812 މިލިއަން ރުފިޔާ ހޯދައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެކި ފަރާތްތަކުން ނުދައްކާ ހުރި 812.2 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހޯދައިފި އެވެ.

މީރާގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސް ދައްކަން ހަނދާންކޮށްދީގެން 544.2 މިލިއަން ރުފިޔާ ހޯދާފައިވާއިރު 253 މިލިއަން ރުފިޔާ ހޯދީ ޑިއު ކްލިއަރެންސްކޮށްގެންނެވެ.

އޭގެ އިތުރުން އެކައުންޓް ފްރީޒްކޮށްގެން 1.7 މިލިއަން ރުފިޔާ ހޯދިއިރު ގާނޫނީ ފިޔަވަޅު އަޅައިގެން 327.972 ރުފިޔާ ހޯދާފައިވެ އެވެ.

މީރާއިން ވަނީ މިދިޔަ ކުއާޓަރުގައި 1،831 ފަރާތެއްގެ ޖޫރިނަމާ މާފުކޮށްދީފަ އެވެ. އެއީ 69.8 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 1.3 މިލިއަން ރުފިޔާގެ ޖޫރިމަނާ ހިމެނެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު 31، 2022ގެ ނިޔަލަށް 6.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އޭގެ ތެރޭގައި ޓޫރިޒަމް ބިމު ކުލިން ނުލިބިހުރި 2.8 ބިލިއަން ރުފިޔާ އާއި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި 1.4 މިލިއަން ރުފިޔާ ހިމެނެ އެވެ.

އޭގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި ނުލިބިހުރި 776 މިލިއަން ރުފިޔާ އާއި އިންކަމް ޓެކްސްގެ ގޮތުގައި ނުލިބިހުރި 493 މިލިއަން ރުފިޔާ ހިމެނެ އެވެ.