އުމަރު ނަސީރު

އުމަރުގެ ކެމްޕޭން ފޮތިގަނޑަކަށް ދުވާލަކަށް 10 ރުފިޔާގެ ފީއެއް ނަގަނީ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭން ފޮތިގަނޑެއް ހުޅުމާލޭގައި ދެމޭނީ ފޮތިގަނޑަކަށް ދުވާލަކަށް 10 ރުފިޔާ ދައްކައިގެން ކަމަށް އެޗްޑީސީން އަންގާފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިޝާރާތް ކުރައްވާ އުމަރު ނަސީރު ވިދާޅުވީ މީގެ ހަފުތާ އެއްހާ ދުވަސް ކުރިން މުޅި ހުޅުމާލޭގެ އެތަން މިތަނުގައި ސަރުކާރު ޕާޓީގެ ދެ ކެންޑިޑޭޓުންގެ ފޮތިތައް ދަމާފައިވާއިރު މިފަދަ އެއްވެސް ހުރަސް އެޅުމެއް ނެތް ކަމަށެވެ.

"މިއީ ސިޔާސީ ކެމްޕޭނެއްގައި ފައިސާ ދައްކައިގެން ފޮތިދަމަން އެންގި ފުރަތަމަ ފަހަރު،" އުމަރު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭ 9:00ގައި ސަލްޓަން ޕާކްގަ އެވެ.