ހަބަރު

ސިޔާސީ ހައްޔަރީންގެ ގޮތު 1700 އެއްހާ މީހުން ތިބި ވާހަކައަކީ ދޮގެއް: ޕޮލިސް

Jan 26, 2016
  • ނަޝީދު ވިދާޅުވާ ޢަދަދާ ގާތަށް ވެސް ޖިހާދަކަށް ނުދޭ
  • ދެ އަހަރުގެ އެއްވުންތަކުން ހައްޔަރުވެ ޕީޖީއަށް ފޮނުވީ 104 މީހުނަށް

ރާއްޖޭގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި އަދި ސިޔާސީ ހައްޔަރީންގެ ގޮތުގައި 1700 އެއް މީހުންގެ ތިބެ އެމީހުންގެ މައްޗަށް ތަހުގީގު ހިންގައި ދަޢުވާ ކުރަމުންދާކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެއީ ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްބަޔާނެއް މެދުވެރިކޮށް ފުލުހުން ބުނީ އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިއަ ދެއަހަރު ތެރޭ ބޭއްވި ސިޔާސީ އެއްވުންތަކާއި ސިޔާސީ ހަރަކާތްތަކުގައި، އަމުރަށް ނުކިޔަމަންތެރިވެގެންނާއި ފުލުހުންގެ ދައުރާއި ވާޖިބަށް ހުރަސް އެޅުމާއި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގައި އެފަދަ ޢަމަލުތަކަށް ހިއްވަރުދީގެންނާއި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމާއި، އެއްވުން މަނާ ސަރަޙައްދުތަކާއި ތަންތަނަށް އެއްވުންފަދަ ކުށް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރީ 109 މީހުން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި 140 މީހެއްގެ މައްޗަށް ދަޢުވާ ކުރަން އެދި ޕީޖީއަށް ފޮނުވި ކަމަށެވެ.

"... ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖޭގައި ސިޔާސީ ހައްޔަރީންގެ ގޮތުގައި ސަތާރަސަތޭކައެއްހާ މީހުން ތިބިކަމަށާއި އެހުރިހާ މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާކަމަށް ދައްކާ ވާހަކައަކީ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާ ކުރުމެއްނެތި ދައްކަމުންގެންދާ ހަގީގަތާ ޚިލާފު ވާހަކަ ތަކެއްކަމުގައި ދަންނަވަމެވެ،" ފުުހުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އިސްލާމްދީނުގެ ނަމުގައި ހަނގުރާމަ ކުރަން ކަމަށްބުނެ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަ ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ބައެއް ޖަމާޢަތްތަކާއި ގުޅިގެން 200 އެއްހާ ދިވެހިން ހަނގުރާމަކުރާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކި ފޯރަމް ތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން ވެސް އެ ބަޔާނުގައި އިޝާރާތްކޮށްފައި ވެއެވެ.

ފުލުހުން ބުނީ ރެކޯރޑުތަކަށް ބަލާއިރު، އެފަދަ ގުރޫޕްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށާއި ޖިހާދުވުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ ދިވެހިންނާއި އެމީހުންގެ ޢާއިލާތައް ހިމަނައިގެންވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ޢަދަދުގެ ދެބައިކުޅަ އެއްބަޔާ ހަމައަށް ވެސް ދިވެހިން ރާއްޖެއިން ބޭރަށް ގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް އަދަދެއް ދީފައެއް ނުވެއެވެ.

"މިފަދަ ވާހަކަތަކަކީ އޭގެ ސަބަބުން ގައުމުގެ މަޞްލަޙަތަށް ބޮޑެތި އަސަރުތަކެއްކޮށް ގައުމުގެ ސިޔާދަތާއި ވަހުދަތަށްވެސް އެކަމުގެ ގެއްލުން ލިބިގެންދާނެ ވާހަކަތަކެކެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށާއި ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމަށް ފުރުޞަތު ލިބިގެންދާކަންވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފާހަގަ ކުރަމެވެ. އެހެންކަމުން ދައުލަތުގެ ރަސްމީ އިދާރާތަކުގެ ތަފާސް ހިސާބުތަކާއި ރަސްމީ މަޢުލޫމާތު ތަކާއި ޚިލާފަށް އެއްވެސް ފަރާތަކުން މިފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެއެވެ.