ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލި ކަނޑުއޮޅީގައި ފީނަނިކޮށް ލޯންޗަކުން ޖެހި ފަތުރުވެރިޔަކު މަރުވި މައްސަލައިގައި ލޯންޗު ދުއްވަން އިން ކައްޕި ހައްޔަރުކޮށްފި އެވެ.
ފަތުރުވެރިޔާ މަރުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލި ކަނޑުއޮޅީގައި ފީނަނިކޮށް އޭނާގެ ގައިމަތިން ލޯންޗެއް ދިޔަ ވަގުތު ގައިގައި ޖެހި ލިބުނު ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާއި ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ 45 އަހަރުގެ މީހެއް ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ ގޭ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި ލޯންޗް ދުއްވި ކައްޕި އަތުގައި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތެވެ.
ލޯންޗުންޖެހި މަރުވީ އުމުރުން 52 އަހަރުގެ ޕޮލެންޑުގެ ފަތުރުވެރިޔެކެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އޭނާގެ ބަނޑު ކަފައިގެން ގޮސް ގޮހޮރު ވެސް ވަނީ ނިކުމެފަ އެވެ. އަދި ފަޔާ އަތުން ބައެއް ބުރިވެފައިވާ ކަމަށް އެނގިފައިވެ އެވެ.