އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ބާރު ސްޕީޑްގައި ގޮސް ވަދެގެން މީހާ ދުއްވި ސައިކަލް ފުލުހުން ޓޯ ކޮށްފި އެވެ.
މިހިނގާލުން ކުރިއަށް ގެންދިޔައީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށްވާތީ ފުލުހުން ދިޔައީ ހިނގާލުން ކުރިއަށް ދިޔަ ވަގުތު މަގުމަތީގެ ޓްރެފިކް ބަލަހައްޓައިދީ އަދި ސަލާމަތީ ކަންކަން ވެސް ބަލަމުންނެވެ.
ހިނގާލުމުގެ އެންމެ ކުރީގައި ފުލުހުން ތިއްބާ ބާރަށް ދުއްވާފައި އައި ސައިކަލެއް ހިނގާލުމުގައި ތިބި މީހުންގެ ތެރެއަށް ވަންނަން އުޅުމުން އެ މީހާ ފުލުހުން ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އެ މީހާ ވަނީ ހިނގާލުމުގެ ތެރެއަށް ވަދެގެންފަ އެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން އިން މީހާ ހިނގާލުމުގެ ތެރެއަށް ވަދެގަތީމުނ ޕީޕީއެމްގެ ބަޔަކު އޭނާގެ ވަށާލި ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ނުހިނގަނީސް ފުލުހުން ވަނީ އެ މީހާ އެތަނުން ދުރަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ހިނގާލުމުގެ ތެރެއަށް ވަދެގެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓްރެފިކް ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި އޭނާގެ ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައިވާ ކަމަށެވެ.