ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ބޯޑަށް ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީސް ހިންގަނީ އަށް މެންބަރުން ހިމެނޭ ބޯޑަކުންނެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއާޕަސަންއާއި، ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންނެވެ.

އެއޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ޖާގަ ހުސްވާތީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލާ ސިލެކްޝަން ކޮމިޓީއިން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރުމަށްފަހު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރެވޭނެއެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލެވޭނީ ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާ ހާސިލުކުރާ ފަރާތްތަކެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެންނުވާނެ އެވެ، އަދި ސަރުކާރުން 50 ޕަސަންޓް އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން ހިމެނެ އެވެ.

ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.