ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

39 ދަނޑު އަޅާ، 33 ރަން މެޑެލް ހޯދައިފި

މި ސަރުކާރުން މުޅިން އަލަށް ގާއިމުކުރި 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކުން 33 ރަން މެޑެލް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއަށް ދިއުމަށާއި މުނިފޫހިފިލުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ.

"މުޅިން އަލަށް ގާއިމުކުރެވުނު 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ. ރަނގަޅު ފެންވަރުގެ ވޮލީ، ބެޑްމިންޓަން އަދި ހޭންޑް ބޯލް ކޯޓުތަކާ ސިންތެޓިކް ޓްރެކާ، ޓީޓީ ސެންޓަރުތައް ވަނީ ނިމިފައި. 50 އަށްވުރެ ގިނަ އައުޓްޑޯ ޖިމް ގާއިމްކޮށް ނިމިއްޖެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފެއްދި މީގެ ކުރިން ކުޅިވަރު ކުޅުމުން މަހުރޫމްވެފައި ތިބި ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު ފުރުސަތު ހޯދާ ދެވިފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވިދާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ފެށިގެން މިހާތަނަށް ބައިނަލްއަގުވާމީ މުބާރާތްތަކުން 33 ރަން މެޑެލް އާއި 18 ރިހި މެޑެލް އަދި 88 ބްރޮންޒް މެޑެލް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި މިދަނީ ބާއްވަމުން. މިދިޔަ އަހަރު އެކަނި އެފަދަ ނުވަ މުބާރާތެއް ވަނީ ބާއްވާފަ. އޭގެ ތެރޭގައި ބާސްކެޓް، ބީޗް ވޮލީ، ބޮޑީ ބިލްޑިންއާ ބޮޑީބޯޑިން އަދި ސާފިންގް ހިމެނޭ." ރައީސް ސޯލިހް ވިދާޅުވި އެވެ.

ފަންނާނުންގެ ކުޅަދާނަ ކަމާ ހުނަރު ތަރައްގީ ކުރުމަށް އެކަށޭނަ ފުރުސަތު ނެތުމަކީ އޮތް ހުސްކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ޒަމާނީ ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް ހުޅުވިގެން ދިއުމަކީ ފަންނުވެރިކަމާ ހުނަރުވެރިކަމުގައި ކުރިއަށްދާން ބޭނުން ޒުވާނުންނަށް ފަހި މާހައުލެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގެނެވޭ ޒަމާނީ ބަދަލަށްފަހު ނެޝަނަލް އާޓް ގެލެރީ މިމަހު ހުޅުވޭނެ ކަމަށާއި ފަންނާނުންގެ ހުނަރު ރާއްޖޭން ބޭރުގައި ދެއްކުމުގެ ފުރުސަތު ފަންނުވެރިންނަށް ހޯދައިދެމުން އަންނަ ކަމަށެވެ.