ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިންނަށް ބޮޑު އުފަލެއް، އެއް ބިލިއަން ރުފިޔާ ގެއަށް

ސަރުކާރުން މިދިޔަ އަހަރު މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ބަލިމަޑުކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގުތިސާދީ ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު ސަބަބަކީ މަސްވެރިން ކުރި ހިތްވަރު ކަމަށެވެ.

"ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު ވަށާ މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާ ދެއްކި ފަންވަރަކީ އޭގެ ހަގީގީ ސިއްރު. ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަހުމަތްފުޅު ބޮޑު" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށެވެ.

"ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު. އަދި މަސްވެރިކަމުގެ ތާރީހުގާ، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރު. އެއީ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މަސް ގަންނަ އަގު މާޗް 2022 އިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު. އެގައުމުތަކަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއަށް ލުޔެއް ލިބުމުގަ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް ކަމަށެވެ.