ހަބަރު

"ރާއްޖެ ހޯދާފައިވާ ކާމިޔާބީއަށް ތައުރީފުގެ އަތް ޖަހަން"

ރާއްޖެ ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް ތައުރީފުކޮށް އެކަމަށް އިންޑިއާއިން އަތް ޖަހާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 67 ވަނަ ރިޕަބްލިކް ޑޭ ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖެއަކީ ތައުލީމާއި އިންސާނީ ތަރައްގީގައި ދެކުނު އޭޝިއާގައި އޮތް އެންމެ ކުރިއަރާފައިވާ ގައުމު ކަމަށެވެ. އަދި ދެކުނު އޭޝިއާގެ އެންމެ މުއްސަނދި ގައުމަށް ވުމަށް ރާއްޖެ ކުރަމުންދާ މަސައްކަތްތައް ތައުރީފުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އުފެދިފައިވާ ގޮތުންނާއި އާބަދީގެ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދެކުނު އޭޝިއާގެ އެންމެ މުއްސަނދި ގައުމަށްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ހައްގު، ތިޔަ ހޯދާ ކާމިޔާބީތަކަށް އަޅުގަނޑާއި އިންޑިއާގެ ހުރިހާ ރައްޔިތުން އަތް ޖަހަން،" މިޝްރާ ވިދާޅުވި އެވެ.

މިޝްރާ ވިދާޅުވީ، ޕާޗޭޒިން ޕަވަރް އާއި ޕާކެޕިޓާ އިންކަމްއާއި ޖީޑިޕީގެ ގޮތުން ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެެވެ. އަދި ހިއުމަން ޑިވެލޮޕްމެންޓް އިނޑިކޭޓާސްތަކަށް ބަލާއިރު ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ގައުމަށް ރާއްޖެވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ރާއްޖެ ވާނީ ސޯޝަލް މީޑިއާ ބޭނުންކުރާ ނިސްބަތް އެންމެ މަތީ ގައުމަށް ވުމަށް ދިވެހިން ކުރި މަސައްކަތާ މެދު އާށޯހުވާ ކަމަށް މިޝްރާ ވިދާޅުވި އެވެ. ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ޑިޖިޓަލް ލިޓްރަސީ ވެސް އެންމެ ގިނައިން ބޭނުންކުރަނީ ރާއްޖޭގައި ކަމަށް މިޝްރާ ވިދާޅުވި އެވެ. އަދި ސަރަހައްދުން އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީ ވެސް ރާއްޖޭގައިކަން މިޝްރާ ފާހަގަކުރެއްވި އެވެ.