ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލް މީހެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.6 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.
ކަސްޓަމްސް އިން ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން މި އަންހެން މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފަ އެވެ. އެގޮތަށް އަމަލުކުރީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު"ގެ ދަށުން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއި އެކު ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ބްރެޒިލް އަންހެން މީހާގެ ލަގެޖުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.