އެމްއެމްއޭ

ރަސްމީ ރިޒާވްގައި 789 މިލިއަން ޑޮލަރު

ދައުލަތުގެ ރަސްމީ ރިޒާވްގައި މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ހުރީ 789.97 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވް އަދި ޔޫސަބަލް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ.

ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި، ޖެނުއަރީ ނިމުނުއިރު ހުރީ 536.21 މިލިއަން ޑޮލަރުގަ އެވެ. ޖެނުއަރީ މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގައި ހުރީ 253.76 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގައި ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 827.72 މިލިއަން ޑޮލަރެވެ. ޑިސެމްބަރު މަހު ޔޫސަބަލް ރިޒާވްއަކީ 267.74 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް މިދިޔަ އަހަރު ނިމޭއިރު ހުންނަނީ 657.3 މިލިއަން ޑޮލަރުގައި ކަމަށް ކުރިން އަންދާޒާކޮށްފައިވެ އެވެ. އެކަމަކު އަންދާޒާކުރި އަދަދަށްވުރެ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި އިތުރަށް 170.4 މިލިއަން ޑޮލަރު ހުއްޓެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.