އެމްޑީޕީ

ނަޝީދުގެ ވާހަކަތައް ފުލުހުން ދޮގު ކުރުމުން އެމްޑީޕީ އިން ފާޑުކިޔައިފި

ދައުލަތުގެ ނުވަތަ ސަރުކާރުގެ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކާއި ރަސްމީ މައުލޫމާތުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުމަށް ގޮވާލާ މޯލްޑިވްސް ޕޮލިސް ސަރވިސުން ނެރުނު ނޫސްބަޔާނާމެދު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ހާލަތާމެދު ސިޔާސީ އެއް ޕާޓީއަކުން ދައްކާ ވާހަކަތަކަކަށް ސިޔާސީ އެހެން ޕާޓީއެއް ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސުން ރައްދުދީ ނޫސްބަޔާންތައް ނެރުއްވަމުން ގެންދިޔުމަކީ އެމްޑީޕީ އިން ކަންބޮޑުވާކަމެއް ކަމަށެވެ.

"މިރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހުންނަ ވާހަކަތަކާއި ނުހުންނަ ވާހަކަތައް ދެއްކުމާއި އެމަގަށް މަސައްކަތްކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ހައިސިއްޔަތުން މި ޕާޓީގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަން ހަނދުމަފުޅުކޮށް އަރުވަމެވެ. ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަފާސްހިސާބުތަކާއި ރަސްމީ މައުލޫމާތުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުމަށް ބުނެ ފުލުހުން ބަޔާން ނެރުއްވުމަކީ ޕޮލިސް ސްޓޭޓަކުން ކުރާ ޒާތުގެ އަމުރެއްކަން ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީއިން ބުނީ ފުލުހުންގެ ބަޔާނުގައި ރާއްޖޭގައި ސިޔާސީގޮތުން ހައްޔަރުކުރެވިފައިވާ ފަރާތްތަކެއް ނުތިބޭނެކަމަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އެތަކެއް ސިޔާސީ ބޭފުޅުން މިވަގުތުވެސް ހައްޔަރުގައި ތިބިކަމާއި އަދި އެފަރާތްތައް ހައްޔަރުކޮށްގެން ގެންގުޅުއްވަމުންދަނީ ސިޔާސީ މަގުސަދުގައިކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ދުނިޔޭގެ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ބުނަމުން ގެންދާ ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު ހއްޔަރުކޮށްފައިވަނީ ވެސް ރާއްޖޭގެ ގާނޫނުތަކާ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ސިޔާސީ މަގުސަދެއްގައިކަމަށް އދ. އިންވެސް ނިންމާފައިވާ ކަމަށް އެމްޑީޕީއިން ބުނެ އެވެ.

"ހަމައެފަދައިން ވޭތުވެދިއަ ދެ އަހަރު ތެރޭގައި ސިޔާސީ ހަރަކާތްތަކުން ހައްޔަރުކޮށްފައިވަނީ 109 މީހުންކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވާއިރު، މޭޑޭ ގެ މުޒާހަރާއިން އެކަނި ވެސް 230 މީހުނަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެމްޑީޕީ ގެ ސަރުކާރު ވައްޓާލުމަށްފަހު އެކިއެކި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން 1700 އަށްވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށް ޖިނާއީ އެކިއެކި މަރުހަލާތަކުގައިވާކަން ފާހަގަކުރަމެވެ. އަދި މިގޮތުން ހައްޔަރުކުރެވުނު މިދެންނެވި އެންމެހައި މީހުންގެ ފުރިހަމަ މައުލޫމާތު ސަރުކާރާއި އެމްޑީޕީ އާ ދެމެދު މީގެކުރިން ފެއްޓި މަޝްވަރާގެ ވާހަކަތަކަށް ވެސް މި ޕާޓީން ވާނީ ހުށަހަޅާފައެވެ. ފުލުހުންނަށް ކަންކަމުގެ ރެކޯޑު ނުބެލެހެއްޓެވިވުމަކީ އެ މުއައްސަސާގެ މައްސަލައެއްކަމަށް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީއިން ބުނީ، ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ރާއްޖެގެއިން ބޭރަށް ހަނގުރާމައަށްދާ ފަރާތްތަކުގެ އަދަދު ކަންބޮޑުވާ ދަރަޖައަށް ދުވަހުން ދުވަހަށް އިތުރުވެފައިވާއިރު ފުލުހުންގެ ބަޔާނުގައި އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެ ޕާޓީން ދައްކާ ވާހަކަތަކަކީ ކަންކަން ބަލާ ބައިނަލްއަގުވާމީ ގައުމުތަކާއި ޖަމާއަތްތަކުގެ ސައްހަ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ހަގީގީ މައުލޫމާތުގެ އަލީގައި ދައްކާ ހަގީގީ ވާހަކަތަކެއް ކަމަށާއި ފުލުހުންގެ އެ ބަޔާން ނެރުމާއެކު ހަމަ އެދުވަހު ހާމަވެގެން ދިޔަ އަނެއް ޚަބަރަކީ ވެސް ދިވެހިންގެ އެއް އާއިލާއަކުން އެއްފަހަރާ 12 މީހަކު ސީރިޔާއަށް ހަނގުރާމައަށް ދިއަ ޚަބަރުކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފަ އެވެ.

"ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ފުލުހުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ވެސް، ފައިސާއާއި ނުފޫޒު އިންތިހާއަށް ވަދެ ކޮރަޕްޓްވެފައިވާ މުއައްސަސާއެއްގެ ނަން އެޅިގެން ތިއްބަވައި، ފުލުހުން އެފަދަ ނޫސްބަޔާން ނެރުއްވުމަކީ ފުލުހުންގެ މުއައްސަސާއާމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނޭކަމެކެވެ." އެމްޑީޕީ ބުނެ އެވެ.

ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ޕްރޮފެޝަނަލް ގިނަ ފުލުހުން ތިބިއިރު، އެ ފަރާތްތަކުގެ ނަމަށް ހުތުރުކަން އަންނަގޮތަށް އެފަދަ ސިޔާސީ ބަޔާންތައް ނެރުން ހުއްޓަވާލުމަށާއި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ޕްރޮފެޝަނަލް ތަނަކަށް ހެއްދެވުމުގެ މަސައްކަތް ފެށުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.