ފިނޭންސް މިނިސްޓްރީ

ލޯނަށް 446 މިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނު ދެއްކުމަށް ދައުލަތުން މިއަހަރު 446.4 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ލޯނު ދައްކަން ދައުލަތުން ކުރި ހަރަދެވެ.

ލޯނު ދެއްކުމަށް މިއަހަރު ދައުލަތުން ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 117.1 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނުތައް ދައްކަން ހޭދަކުރީ 329.3 މިލިއަން ރުފިޔާ އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރު 2.1 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ލޯނުތައް އަނބުރާ ދެއްކުމަށް 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އާމްދަނީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނީ 3.8 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.4 ބިލިއަން ރުފިޔާ ހިމެނެ އެވެ.

ލޯނުތަކަށް ކުރި ހޭދައާ އެކު ދައުލަތުގެ މިއަހަރުގެ ހަރަދުވަނީ 3.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަންގެ އިތުރުން އިދާރީ އަދި ހިންގުމަށް 2.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މީގެއިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) -- ތަރައްގީގެ މަޝްރޫއުތަކަށް މިއަހަރު 651.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.