ގދ. ތިނަދޫ

އުއްބައްތީގެ އަގު ބޮޑުކުރުމުން ތިނަދޫ ޓާސްކް ފޯހަށް ހުރަސްތަކެއް!

ގދ. ތިނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލާގައި އެ ރަށަށް އެހީވުމަށް މާލޭގައި އެ ރަށުގައި އެކުލަވާލާފައިވާ ޓާސްކް ފޯހަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.

"ހެލްޕް ތިނަދޫ" ގެ ނަމުގައި އެކުލާވާލާފައިވާ މި ޓާސްކް ފޯހުން ދަނީ ތިނަދޫއަށް މާލެއިން ފޯރުކޮށްދެވެން އޮތް އެހީތައް ފޯރުކޮށް ދެމުންނެވެ. އެގޮތުން އުއްބައްތި އެރަށަށް ފޮނުވުމުގެ މަސައްކަތް އެ ޓާސްކު ފޯހުން އިއްޔެ ވަނީ ފަށާފަ އެވެ. ނަމަވެސް ބައެއް ފިހާރަތަކުން 200 ރުފިޔާ ލިބެމުންދިޔަ އުއްބަތި ފޮށީގެ އަގު މިއަދު ގާތްގަނޑަކަށް 750 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށް އެ ޓާސްކް ފޯހުގެ މެންބަރަކު ބުންޏެވެ.

އުއްބައްތި ފޮނުވުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ކާގޯއަށް ޗާޖްކުރުން ކަމަށް ޓާސްކް ފޯހުގެ މެންބަރު ބުންޏެވެ.

މާލޭގައި އެކުލަވާލާފައިވާ ޓާސްކް ފޯހުން މިއަދު ވަނީ އެސްޓީއޯއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އެ ކުންފުންޏާއެކު ޓާސްކް ފޯހަށް، ތިނަދޫއަށް އެހީތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އުއްބައްތީގެ އިތުރުން ޓާސްކް ފޯހުން ދަނީ މަދިރި ދުންދަނޑި އާއި ޓޯޗް އަދި ބެޓަރީފަދަ ތަކެތި ތިނަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

ތިނަދޫގައި ކަރަންޓު ނެތި ދެ ދުވަސް ވެފައިވާއިރު ރައްޔިތުންނަށް ވަގުތީ ކަރަންޓެއް ލިބޭނީ އަންނަ ހުކުރު ދުވަހު ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި ކަރަންޓު ނެތުމުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެ ރަށުން ވަނީ ސާފު ތެލާއި އުއްބައްތި އެއްކޮށް ހުސްވެފައެވެ.