ވެލާނާގެ

ޖޫރިމަނާ ކުރަން ފެށުމުން ވެލާނާގެ ކުރިމަތީގައި ޕާކު ކުރުން ހުއްޓާލައިފި

ސަރުކާރުގެ ގިނަ ވުޒާރާތަކަކާއި އޮފީސްތަކެއް ހުންނަ ވެލާނާގެ ކުރިމާތިގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާޖަހަން ފެށުމުން ރަސްމީ ގަޑީގައި ޕާކު ކުރުން ހުއްޓާލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑީގައި ނިކުމެ ފުލުހުން ވަނީ ވެލާނާގޭގެ ކުރިމަތީގައި ހުރި ސައިކަލުތަކުގައި ސްޓިކާ ޖަހާފައެވެ.

ފުލުހުން ވަނީ އެތަނުގައި "ނޯ ޕާކިން" ޓޭޕް ވެސް ދަމައިފަ އެވެ. ނަމަވެސް، ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި އަދިވެސް އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރެ އެވެ.

ސްޓިކާ ޖެހުމުން އަދާކުރަންޖެހޭ ޖޫރިމަނާ

  • އުޅަނދެއްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު 250ރ.
  • ޓްރެފިކްގެ ކުށްތަކުގައި 750ރ.

ގައުމީ ދިފާއީ ބާރުން އެދިގެން ވެލާނާގެ ކުރިމައްޗަށްވާ ގޮތަށް އަމީރު އަހުމަދު މަގު ސަރަހައްދުގައި ޕާކްކުރުން މާލެ ސިޓީ ކައުންސިލުން ވަނީ މަނާ ކޮށްފައެވެ.

ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި، އަމާން މާހައުލެއް ކަށަވަރުކުރުމަށް މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ހާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިންގް ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް މި އޮޕަރޭޝަނުގެ ދަށުން ނަގަމުން ގެންދާނެކަމަށާއި، ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ވެސް އޮޕަރޭޝަނުގެ ދަށުން ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ވެލާނާގޭގެ ވަށައިގެން ޕާކިން އޭރިއާތައް ހަދާފައިހުރި ނަމަވެސް، ރަސްމީ ގަޑީގައި އެ ސަރަހައްދުން ޕާކު ކޮށްލަން ޖާގަ ނުލިބޭ ޝަކުވާ އަބަދުވެސް ލިބެއެވެ.