މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ)، ހޯދުމަށްޓަކައި 150 ގަޑިއިރުގެ ސީސީޓީވީ ކެމެރާ ފުޓެޖް ބަލައިފި އެވެ.
ސިކުނޑީގައި ހުންނަ އާސިރު އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ޚަބަރެއް ނުވުމުންނެވެ.
އާސިރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި މީގެކުރިންވެސް ބުނި ގޮތަށް މިރޭ ވެސް ފުލުހުން ބުނީ ފުލުހުން ބުނީ އާސިރު އެންމެ ފަހުން ފެނުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނުމަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އާސިރު އަރަނިކޮށް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާސިރު ވަންނަ މަންޒަރު ފެންނަ ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން އެއާޕޯޓުން އިތުރަށް އާސިރު ދެނެގަނެވިފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ އާސިރު ހޯދުމުގެ ގޮތުން އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމަރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމަރާތަކާއި ޓީއެމްއޭގެ ކެމަރާތަކާއި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ބަލާފައިވާ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ އާސިރު ހޯދުމަށްޓަކައި އެއާޕޯޓުގެ ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗެއް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ވެސް ބަލާފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެގޮތުން ކުރެވުނު މަސައްކަތުން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާ ކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަކަށް ނުދާކަން ޔަގީންކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެެވެ.
ފުލުހުން ބުނީ އާސިރު ދަތުރުކުރި ޓެކްސީ ހޯދައި ޓެކްސީގެ ޑްރައިވަރާ ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓްހައުސްތަކާއި އަތޮޅު ތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބަލާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
"އާސިރު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ ދުވަހެއް. އާސިރު ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ހުއްޓުމެއްނެތި ދަނީ ކުރަމުން،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އާސިރުގެ އާއިލާ އިން ބުނާ ގޮތުގައި އެއާޕޯޓުގައި ހުންނަ ފިހާރައަށް ޑިއުޓީ އޭނާ އަބަދުވެސް ދަނީ ސައިކަލްގަ އެވެ. ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ކާރެއްގައި އޭނާ ޑިއުޓީއަށް ދިޔައީ ސައިކަލް ތަޅުދަނޑި ގޭގައި ބާއްވާފައި ކަމަށް އާއިލާ އިން ބުނެ އެވެ.