ހަބަރު

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

ދޫނިދޫގައި ހައްޔަރުކޮށްފައިހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގައްފޫރް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ. އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ކަރެކްޝަންސް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު "އަވަސް"އަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުރިން އަދީބު ހުންނެވީ، ދޫނިދޫ ޖަލުގަ އެވެ.

ގިނަ ދައުވާތަކެއް އުފުލާފައިވާ އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ހިންގާ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީ ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް އަމުރު ކުރުމުންނެވެ. ހޯމް މިނިސްޓްރީން ކަނޑައަޅާފައިވަނީ ޝަރީއަތް ނިމެންދެން އަދީބު މާފުށީ ޖަލުގައި ބެހެއްޓުމަށެވެ.

ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައި ހުރި އަދީބު ވަނީ، އާއިލާއާ ބައްދަލުވުންތަކުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައެވެ. އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް މިހާރު ނިންމާފައިވާއިރު ޝަރީއަތް ފެށުމުގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އަދީބު ވަނީ ދޫނިދޫ ގޮޅީގައި ނިދަންޖެހޭ ގޮތާމެދު ހިންމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ދެ ފޫޓު އަށްޓެއްގެ މަތީ ނިދަން ޖެހުމުން އުނދަގޫވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބުގެ ގިނަ މައްސަލަތަކެއް ދައުވާކުރަން ފޮނުވައި، އަދި ދައުވާ އުފުލާފައިވާއިރު ޝަރީއަތް ފަށާފައިވަނީ ދެ މައްސަލައެއްގައެވެ. އެއީ މާލެ އަތޮޅު ފަޅެއް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ މައްސަލައަކާއި މޭޑޭ މުޒާހަރާގައި އަދީބު ފިސްތޯލައެއް ގެންގުޅުން ކަމަށް ބުނާ މައްސަލާގައެވެ.

ފަޅުގެ މައްސަލާގައި އަދީބު މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އުފުލާފައިވާއިރު ފިސްތޯލަ މައްސަލާގައި އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މި ދެ ދައުވާއަށް ވެސް އަދީބު ވަނީ އިންކާރު ކުރައްވާފައެވެ.