އަރަބިއްޔާ ސްކޫލް

އަރަބިއްޔާގެ މަސައްކަތް ލަސްވާތީ މުޒާހަރާކޮށްފި

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ލަސްވާތީ ބެލެނިވެރިން މިއަދު މުޒާހަރާކޮށްފި އެވެ.

ޗާންދަނީ މަގުގައި ހިންގި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލައިފައިވާތީ އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވާތީ އެ ސްކޫލު ހިންގުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށް ބަދަލުކޮށް ކިޔެވުން ފެށީ ޖެނުއަރީ 16، 2022ގަ އެވެ.

ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022ގަ އެވެ.

ސްކޫލުގެ މަސައްކަތް ލަސްވާތީ އިހުތިޖާޖުކުރި ބެލެނިވެރިން ބުނީ ދެ މަހުން ބާޖަމާލުއްދީން ބިން ހުސްކުރަން ވައުދުވި ކަމަށާއި ނަމަވެސް ހަތް މަސްވީއިރުވެސް ތަން ސާފު ނުކުރެވޭ ކަމަށެވެ.

"އަރަބިއްޔާގެ ބިންގާ އަދިވެސް ނޭޅޭ. 18 މަސް ދުވަހުން ނިންމަން ބުނީ،" އަރަބިއްޔާ ބެލެނިވެރިން ވަނީ ބުނެފަ އެވެ.

އަރަބިއްޔާގެ އާ އިމާރާތުގެ ބިންގާ އަޅަން މަޑުކުރަނީ އިންތިހާބާ ދިމާކޮށް ވޯޓަށް އެކަން ކުރަންތޯ ބެލެނިވެރިން ދަނީ ސުވާލުކުރަމުންނެވެ. އަރަބިއްޔާ ސްކޫލުގެ މައްސަލަ ސިޔާސީ ނުކުރުމަށްވެސް ބެލެނިވެރިން ދަނީ ގޮވާލަމުންނެވެ.

"އަޅުގަނޑުމެން މިއަދު މިކަންބޮޑުވުން ފާޅުކުރަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވޭތުވެދިޔަ އަހަރުގެ ކުރީ އަހަރު ޑިސެމްބަރު މަހު. އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އަދިވެސް އާ އިމާރާތުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ މަސައްކަތް މިހާރުވެސް ހުއްޓިފައި އޮތްތަން މި ފެންނަނީ،" އިހުތިޖާޖު ކުރަމުންދިޔަ ބެލެނިވެރިއަކު ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަންއާއެވެ.