މޯލްޑިވްސް ޕޮލިސް ސާވިސް

އާސިރު ފެނުނީ އެއާޕޯޓު ޓާމިނަލް ތެރެއިން

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ) ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.

އާސިރު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދިޔަތާ 13 ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުއެވެ.

އާސިރު ފެނިފައިވާ ކަމަށް ހާމަކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ނަމަވެސް، އާސިރު ފެނުނު ވަކި ތަނެއް މިނިސްޓަރު ވެސް އަދި ފުލުހުންގެ އިދާރާ އިންވެސް އެދުވަހު ހާމައެއް ނުކުރެއެވެ.

ސިކުނޑީގައި އުނިކަމެއް ހުންނަ އާސިރުގެ އާއިލާ އިން ބުނާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ފިހާރައަށް ވަޒީފާއަށް އޭނާ އަބަދުވެސް ދަނީ ސައިކަލްގަ އެވެ. ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ކާރެއްގައި އޭނާ ޑިއުޓީއަށް ދިޔައީ ސައިކަލް ތަޅުދަނޑި ގޭގައި ބާއްވާފައި ކަމަށް އާއިލާ އިން ބުނެ އެވެ. އޭގެފަހުން އޭނާ ހަބަރެއް ނުވެ ގެއްލުނީ އެވެ.

އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ހަބަރެއް ނުވުމުންނެވެ.

ފުލުހުން ވަނީ އާސިރު ހޯދުމަށް އެކި ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ކެމަރާ ފުޓޭޖުގެ ތެރެއިން 150 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖު ބަލާފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.