ރައްޔިތުންގެ މަޖިލިސް

ރިޔާސީ ކެނޑިޑޭޓުންނަށް އިތުރު ފުރުސަތު ދޭން މަޖިލީހަށް

ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލުގެ ފުރަތަމަ ކިޔުމެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރުމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. މި އިސްލާހުގައި ވަނީ އެ މުއްދަތު 14 ދުވަހަށް ހެދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބޭނީ ޖުލައި 23 އިން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ދީފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.