ރައްޔިތުންގެ މަޖިލިސް

ރިޔާސީ ކެނޑިޑޭޓުންނަށް އިތުރު ފުރުސަތު ދޭ އިސްލާހު ބަލައިގެންފި

ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރަން ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރުމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. މި އިސްލާހުގައި ވަނީ އެ މުއްދަތު 14 ދުވަހަށް ހެދުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 23، އިން އޮގަސްޓް ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.