ރައްޔިތުންގެ މަޖިލިސް

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލުގެ ފުރަތަމަ ކިޔުމެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ މުއްދަތަށް ބަދަލު ގެނައުން ހިމެނެ އެވެ.

އެގޮތުން ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިވެއްޖެ ނަމަ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ އެއް ޕަސަންޓްއަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓު ކަރުދާސް ފޮނުވަންވާނެ ކަމަށް އޮތް އޮތުމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އިސްލާހު ހުށަހަޅާފައިވަނީ، މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރަށް އެއް ވޯޓު ކަރުދާސް ފޮނުވުމަށެވެ.

ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓާކުރުމަށް ވޯޓުލާ ސަރަހައްދުތަކާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ހެދުމަށް ވަނީ ހުށަހަޅާފަ އެވެ.

ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މަދުވެގެން ތިން މީހުންގެ ހަވާލުގައި ކަމަށް އޮތް އޮތުން ދެ މީހުންނަށް ބަދަލުކުރަން ހުށަހަޅާފައިވެ އެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާން އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭއިރު އެ މުއްދަތު އެއް މަސް ދުވަހަށް ބަދަލުކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.