ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ފުރުސަތު ދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
އިމްތިޔާޒު ފަހުމީ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"މިއަދުވެސް އިއްޒަތްތެރި ރައީސްގެ ސެކިއުރިޓީއަށްޓަކައި ފަންސާހަކަށް ސެކިއުރިޓީ ބޮޑީގާޑުން އެބަ ތިބެންޖެހޭ. ހަތަރު ފަސް ވެހިކަލް އެބަ އޮންނަން ޖެހޭ. އަދި ސަރުކާރުގެ ގެކޮޅެއް އަރުވަންޖެހޭ. މިއީ މިއަދުގެ ހާލަތު. އެކަމަކު މާދަމާވެސް މިހާލަތު އެއް ބޮޑީގާޑަށް ބަދަލުވެއްޖިއްޔާ ދެން އަޅުގަނޑުމެން ކަންބޮޑުވޭ،" ޝަހީމް ވިދާލުވި އެވެ.
ޝަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ރަނގަޅަށް އޮންނަން ޖެހޭ ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ އެކި ސަރުކާރުތަކުން ރައީސް ނަޝީދަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ ފުރުސަތު ދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
"ޖަލުގެ ކުޑަގޮޅީގެ އަދަބު، ޓިނުގޮޅި، އަނދަގޮނޑި، ޗޭނު މި ހުރިހާ ކަމެއް އަދަބު ދީފައިވޭ ހުރިހާ ސަރުކާރުތަކުގައި. ހަމައެކަނި ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލަން ހަމަލާއެއްދީފައިވަނީ މި ސަރުކާރުން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮވެ،" ކަމަށް ވިދާޅުވި އެވެ.
ޝަހީމް ދެއްކެވި ވާހަކައަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމުން ސެކިއުރިޓީދޭތީ ކަންބޮޑުވެގެން ދެއްކެވި ވާހަކައެއްގެ ގޮތުގައި އިމްތިޔާޒް ވަނީ ސިފަކުރައްވާފަ އެވެ. އިމްތިޔާޒް ވިދާޅުވީ މިއީ ނަޝީދުގެ ސެކިއުރިޓީގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިނީ އެކަމުގެ އިންޒާރުތައް ސަރުކާރަށް ލިބިފައި އޮއްވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.