ރައްޔިތުންގެ މަޖިލިސް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ހިންގުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

"ގެނެވިފައިވާ އިސްލާހު، އެއީ އޮންލައިންކޮށް ކޮމިޓީ ބައްދަލުވުންތަކުގައި ބައްދަލުވެވޭނޭ ގޮތަކަށް އިސްލާހުކުރުމަށް އެބޭފުޅުން އެދިވަޑައިގެންފަ މި އޮތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަމަލު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އޮންލައިންކޮށް ހިންގަވަން މި ނިންމަވާފައިވާ ނިންމުމަށް އަމަލުކުރުން އެއީ އޮތް ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިންވެސް އެ ނުގުތާ ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި އާންމު ކޮމިޓީން ނިންމި ނިންމުމެއް މަޖިލީހުގެ އުސޫލުގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށް ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި އެލަވަންސް ދިނުމުގެ އުސޫލާ ފުށު އެބަ އަރާ. ކޮމިޓީއަކަށް ހާޒިރުވެވަޑައިނުގަންނަވާ ހުންނަވާ އެހެން ނަމަވެސް އޮންލައިންކޮށް ކޮންމެވެސް ކޮމްޕިއުޓަރެއް ޖައްސަވާލައްވައިގެން ނުވަތަ ފޯނުން ޖައްސަވާލެއްވީމާ ކޮމެޓީއަށް ހާޒިރުވެވަޑައިގަތީ ކަމަށް ބެލެވި. އެހެންވީމާ އެއާ ގުޅިގެން ހުރި އެލަވަންސްއާއި އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިގެން އެބަދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ހާޒިރުވެ ޖަލްސާތައް ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.