ހަބަރު

97 ފަނޑިޔާރަކު ހެއްކާ ބެހޭ ގާނޫނަށް ތަމްރީންކޮށްފި

ހެއްކާ ބެހޭ ގާނޫނަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 97 ފަނޑިޔާރަކު ތަމްރީންކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރުންގެ އިތުރުން ޖުޑިޝަރީގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގި ކަމަށެވެ.

ޝަމީމް ވިދާޅުވީ 97 ފަނޑިޔާރުންނާއި ފުލުހުންގެ 511 އިންވެސްޓިގޭޓަރުންނާއި ޖުޑިޝަރީގެ 117 މުވައްޒަފުންނާއި 105 ޕްރޮސެކިއުޓަރުންނާއި އޭސީސީގެ 70 އިންވެސްޓިގޭޓަރުންގެ އިތުރުން 35 ދިފާއީ ވަކީލުން ދެ ދުވަހުގެ އެ ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެންގެ ތާރީހުގައިވެސް ވަރަށް މަދުން ނޫނީ ނުވާ ކަހަލަ ކަމެއް. ފަނޑިޔާރުންނާއި ޖުޑީޝަރީގެ ސްޓާފުން އަޅުގަނޑުމެން އެންމެން އެއްކޮށް ތަމްރީންތަކުގައި ބައިވެރިވުން،" ޝަމީމް ވިދާޅުވި އެވެ.

ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.