ކަރަންޓު ކެނޑި އުނދަގޫތަކާ ކުރިމަތިވެފައިވާ ގދ. ތިނަދޫގެ ރައްޔިތުންނަށް އެމްޓީސީސީއިން ފެން ކޭސްތަކެއް ހަދިޔާކޮށްފި އެވެ.
އެ ކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ތިނަދޫއަށް 1500 އެމްއެލްގެ ފެން ފުޅީގެ 1500 ކޭސް ވަނީ ފޮނުވާފައެވެ. މި ފެން ކޭސްތައް ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދަނީ ސިފައިންނެވެ.
އިއްޔެއާ ހަމަޔަށް މަސައްކަތްކޮށް ފެނަކައިން ވަނީ އެ ރަށުގެ އަސާސީ ހިދުމަތްތައް ދޭ ތަންތަންކަމަށްވާ ފެންޕްލާންޓާއި ހޮސްޕިޓަލާއި ސްކޫލްތަކާއި އެ ރަށުގައި ހުންނަ ޔުނިވަސިޓީ ދަނާލް އަދިވެސް ހިދުމަތްތައް ދޭ އެހެން ތަންތަނަށް ކަރަންޓް ފޯރުކޮށްދީފަ އެވެ. އެހެން ނަމަވެސް ރަށުގެ ރައްޔިތުން އަދިވެސް ތިބެން ޖެހިފައި ވަނީ ކަނު އަނދިރީގަ އެވެ. އެ ރަށަށް އެހީވުމަށް ޓަކައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ޖަނަރޭޓަރުތަކާއި ފެނާއި ތެޔޮ އަދި އުއްބަތި ފަދަ ތަކެތި އެ ރަށަށް ހަދިޔާ ކުރަމުންނެވެ.
ތިނަދޫއަށް މިއަދު ވަނީ ދެ ޖަނަރޭޓަރެއް މާލެއިން ގެންގޮސްފައެވެ. އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އިން ހަދިޔާ ކުރި އެ ދެ އިންޖީނަކީ، ރަށަށް ކަރަންޓް ދިނުމަށް މިވަގުތަށް ބޭނުންވާ ޕެނަލް ބޯޑްތަކާއި އެހެން ވެސް ސާމާނާ އެކު ފޮނުވާފައިވާ ދެ އިންޖީނެވެ.
އެ ދެ އިންޖީނު ރަށަށް ބާލައިގެން އިންޖީނު ގެއަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށާފ އެވެ. ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޖީނު ބޭލޭނެ ކަމަށް ބެލެވެނީ މިއަދު ހަވީރުގެ ވަގުތުގައި ކަމަށެވެ. އަދި އިންޖީނު ރަށުގެ އިންޖީނުގެއަށް ގެންގޮސް ގޯތި ތެރޭގައި ބަހައްޓައިގެން މައި ޕެނަލް ބޯޑާ ގުޅާލުމުގެ މަސައްކަތް ފެށޭނީ މިރޭގެ ވަގުތެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.