ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ބިދޭސީ މީހާ ބަންދުގައި ބަހައްޓަން ހައި ކޯޓުން އަމުރެއް ނުދިން: ޝަމީމް

ބިދޭސީ މީހާ ފުރުވާލީ އެ މީހާ ބަންދުގައި ބަހައްޓަށް އެދި ހައި ކޯޓުން އަމުރު ނުދިނުމުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިން ޝަމީމް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވުމުން އެ ބިދޭސީ މީހާ ހުރީ އިމިގްރޭޝަންގެ ބަންދުގައި ކަމަށެވެ.

ހުސައިން ޝަމީމް އެހެން ވިދާޅުވިއިރު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ފުރުވާލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވުމުން މައްސަލައިގެ ރިޕޯޓެއް ޕީޖީ އޮފީހަށް ލިބޭނެ އެވެ. މައްސަލަ އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމަށް 90 ދުވަސް ލިބެ އެވެ.

ޝަމީމް ވިދާޅުވީ އިމިގްރޭޝަންގެ ލީގަލް ޑިޕާޓްމަންޓްގެ އޮފިޝަލަކަށް ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރަކު ގުޅުއްވާފައި މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާކަން ފާހަގަކުރި ކަމަށެވެ. އެހެންކަމުން ބިދޭސީ މީހާ ފުރުވާނުލާ ބެހެއްޓުމަށް އެދުނު ކަމަށެވެ. ނަމަވެސް އިމިގްރޭޝަންގެ އޮފިޝަލްގެ ނަމެއް ޝަމީމް ހާމައެއް ނުކުރެއްވި އެވެ.

އިސްތިއުނާފު ކުރާ މަރުހަލާގައި މީހަކު ބަންދުގައި ބަހައްޓާނަމަ ކަންކުރާނެ ގޮތް ޖިނާއީ އިޖުރާތައުގެ ގާނޫނުގައިވެ އެވެ.

"ހައިކޯޓަށް އަޅުގަނޑުމެން އިސްތިއުނާފުކުރާނެ ކަމާއި ބަންދުގައި ބަހައްޓަންޖެހޭކަން އެންގީމަ ހައިކޯޓަށް އެ މީހާ ބަންދުކުރުމުގެ ބާރު އެބަ ލިބޭ. މި މައްސަލައިގައި އަޅުގަނޑުމެން އޮތީ އިސްތިއުނާފުކުރަން ގަސްތުކުރާ ކަމާއި އިސްތިއުނާފުގެ މުއްދަތުގައި އޭނާ ބަންދުގައި ބަހައްޓަން އެދޭކަމަށް ހައިކޯޓަށް ދަންނަވާފަ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ހައިކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިނުގަތުމުން ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް އެކަން އެޕީލް ކުރެއްވި ކަމަށެވެ.

"ހައިކޯޓުގެ ފަނޑިޔާރުންވެސް ނިންމާފަ އޮތީ އަމުރެއް ދެވެން ނެތް ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ހައި ކޯޓަށް މައްސަލައިގެ ލިޔުންތައް ހުށަހަޅާފައިނުވުމެވެ.

ޝަމީމް ވިދާޅުވީ މިފަދަ ކަންކަމުގައި ހުރި ދަތިތައް ހައްލުކުރަން ސުޕްރީމް ކޯޓުގައި ދަންނަވާފައިވާނެ ކަމަށެވެ.

ރާއްޖޭގައި ހުރުމުގެ ހުއްދައަކީ ކޮންޓްރޯލާ ދެއްވާ ހުއްދައެއް ކަމަށާއި ރާއްޖޭގައި ހުރުމަކީ ބިދޭސީއަކަށް ލިބޭ ހައްގެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަދަބު ދިނުމުގެ ބޭނުމަކީ ރިހެބިލިޓޭޓް ކުރުމާއި މުޖުތަމައު ސަލާމަތް ކުރުމާއި ކުށް ކުރުމުން އަދަބު ލިބޭނެކަން އެހެން މީހުންނަށް ދެއްކުން ކަމަށް ވިދާޅުވި އެވެ.

"މި ތިން ކަންތަކުގެ ތެރެއިން ދެ ކަންތައް ހާސިލެއް ނުވޭ ބިދޭސީއަކު ޖަލުގައި ބަހައްޓައިގެންނެއް،" ޝަމީމް ވިދާޅުވި އެވެ.

ދިވެހިން މަރާ ދިވެހިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބިދޭސީއަކު އަދަބު ދިނުމަކީ މަސްލަހަތު އޮތް ކަމެއް ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ބިދޭސީއަކު ރިހެބިލިޓޭޓް ކުރުމަށްވުރެ ދިވެއްސަކަށް އެ ހަރަދުކުރަން ބޭނުންވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.