މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ނުފެނުނަސް ރިޔާޒު ވަރެއް ނެތް

ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އައިޑޮލްގެ ޝޯ ރާއްޖޭގައި ވެސް މިވަނީ ވަކި ހިއްޕާލައިފަ އެވެ. އެއީ މޯލްޑިވިއަން އައިޑޮލްއެވެ. ގިނަ ގައުމުތަކަކުން ގެނެސްދޭ ފެންވަރަށް މޯލްޑިވިއަން އައިޑޮލް ވެސް ގެނެސް ދިނުމަށް ބޮޑު ޓީމެއް އެ ދަނީ އަދިވެސް ރެއާއި ދުވާލު މަސައްކަތްކުރަމުންނެވެ. ކޮންމެ މަސައްކަތަކަށް ވަކި ހާއްސަ މީހެއް ހުންނައިރު ކޮންމެ މީހަކީ ވެސް ހަމަ އެހާ ކުޅަދާނަ ހުނަރުވެރި ފަރާތެއްކަން ފާހަގަކޮށްލެވެ.

މޯލްޑިވިއަން އައިޑޮލްގެ ހުރިހާ އޮޑިޝަންތަކެއްގައި ބޭނުންކުރާ ސްޓޭޖު ހެދިި ހުސެއިން ރިޔާޒްގެ ވާހައަކީ ވެސް ކުޑަ ވާހަކައެއް ނޫނެވެ. އެހެން ގައުމުތަކުން ގެނެސްދޭ ޝޯތަކާ މޯލްޑިވިއަން އައިޑޮލް އެއްގޮތްވި އެއް ސަބަބަކީ އައިޑޮލްގެ ސެޓެވެ. މޯލްޑިވިއަން އައިޑޮލްގެ ސެޓް އެމެރިކަން އައިޑޮލްގެ ސެޓާ މާބޮޑު ތަފާތެއް ނެތެވެ. މިދައްކަނީ އޮޑިޝަންތަކުން ފެނިގެންދިޔަ ސެޓްގެ ވާހަކައެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތަކުގެ ސެޓް ފަރުމާކުރުމުން ހުސެއިން ރިޔާޒްގެ މަސައްކަތަކަށްވީ އެ ސެޓް ހެދުމެވެ. މާލޭގައި ސެޓް ހަދައި، ރަށްރަށަށް ގޮސް އެ ސެޓް ރޭވީ ވެސް ހަމަ ރިޔާޒެވެ.

"އޮޑިޝަންތައް ކުރިއަށް ދިޔައިރު އަޅުގަނޑުގެ މަސައްކަތަކީ މި ރަށްރަށަށް ގެންދަން ޖެހޭ ސްޓޫޑިއޯ ސެޓް ހުންނާނީ ބޮކްސްތަކެއްގައި މި ކޮޅުގައި ހަދާފައި އޭތި ރަށްރަށަށް ޑެލިވާކުރުން،" ރިޔާޒު ބުންޏެވެ.

"އަޅުގަނޑުމެން ދާނީ އެޑްވާންސްކޮށް ދެ ދުވަސް ކުރިން މިކޮޅުން ޓެކްނިކަލް ޓީމު ދިޔުމުގެ ކުރިން އަޅުގަނޑުމެން ޖެހޭނެ ސެޓަޕް ހަދަން ހޯލުގަ، މި ގެންދަނީ މަތިންދާބޯޓުގައިވީމަ ޑިލޭ ވެސްވޭ، އަޅުގަނޑުމެންދާތާ އެއް ދުވަސް ފަހުން ވެސް ލިބޭ! ދެން ލިބޭނީ ވަރަށް ކުޑަ ވަގުތެއް، އަޅުގަނޑުމެންނަށް ލިބޭނީ އެއް ދުވަހާއި ރެޔާ އަނެއް ދުވަހު ރެކޯޑިން ޖައްސާނެ،"

"ކޮންމެ ރަށަކަށް ވެސް ސެޓް ގެންދަނީ، ބޮކްސްތަކަށް ލާ ބަންދުކޮށްފައި، ހުރިހާ އެއްޗެއް ރޫޅާ ރާވައި އެރަށެއްގެ އޮޑިޝަން ނިމުމުން އަނެއްކާ ޕެކްކޮށްގެން ގެންދަނީ، މާލޭގައި ސެޓްތައް ހެދީ،"

ޓީވީއެމްއިން ގެނެސްދޭ ތަފާތު ޕްރޮގްރާމްތަކުގެ ސެޓްތައް ހެދުމުގައި މަސައްކަތްކުރާތާ ހަ އަހަރުވެފައިވާ ރިޔާޒަށް މޯލްޑިވިއަން އައިޑޮލްވީ ބޮޑު ތަޖުރިބާއަށެވެ. އެތައް ބަޔެއްގެ އުއްމީދާއި ހުނަރު ގުޅިފައިވާ މި ބިޔަ ޝޯގެ ސެޓް އުފުލަން ޖެހުނު މީހަކަށް ރިޔާޒުވުމުން އޭނާއަށް އުނދަގޫތަކެއް ވެސް ކުރިމަތިވި އެވެ.

"ކުރިމަތި އުނދަގުލަކީ ކުޑަ ވަގުތު ކޮޅެއްގައި ސެޓް ހަދަން ޖެހުން، ދެން ރަށްރަށަށް ސެޓް ގެންދިޔުމުގައި ޓްރާންސްޕޯޓްގެ ދަތިތައް ކުރިމަތިވި، މަތިންދާބޯޓުގެ ކާގޯ އަރުވާ ދޮރުގެ މިން ބަލައިގެން، ބޮކްސްތައް މި ހެދީ، އެއީ ގިނަ އެއްޗެހިތަކެއް މަދު އެއްޗެއްގައި އުފުލަން، އެވެސް ފަސޭހަކުރުމުގެ ގޮތުން،" ރިޔާޒު ބުންޏެވެ.

އޮޑިޝަންތައް ނިމިއްޖެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ބިޔަ ސެޓް ހަދަނީ އެކަމަށް އިއުލާންކޮށް، ކުރިމަތިލައިގެން ހޮވުނު ފަރާތަކުންނެވެ. އެހެންކަމުން މޯލްޑިވިއަން އައިޑޮލްއިން ދެން ރިޔާޒުގެ މަސައްތަކެއް ނުފެންނާނެ ހެއްޔެވެ؟ ނޫނެކެވެ. ރާއްޖޭގައި ހަދާ އެންމެ ބިޔަ ސެޓް ހަދާނީ ވެސް ރިޔާޒުގެ ބެލުމުގެ ދަށުންނެވެ. އެއީ މި ޝޯގެ މައި ސްޓޭޖެވެ.

މިހާ ބޮޑު ބިޔަ ސެޓެއް އަލަށް ރާއްޖޭގައި ހަދާއިރު އުނދަގޫތަކާ ވެސް ކުރިމަތިވާނެކަން ކަށަވަރެވެ. ނަމަވެސް ރިޔާޒު ބުނަނީ ސެޓް ހެދުމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ސެޓް ފުރިހަމަ ވާނެ ކަމަށެވެ.

"ސެޓް ބޮޑުކަމުން އުނދަގޫވޭ، ޓީވީއެމްގެ އެންމެ ބޮޑު ސޫޑިއޯގައި ހުރި ހުރިހާ ސެޓެއް މޯލްޑިވިއަން އައިޑޮލްގެ ސެޓް ހަދަން ނެރުނީ، ފިކްސްކޮށް އެތާ ހުންނަތާ 12 އަހަރުވީ ސެޓްތައް ވެސް ނެރުނީ، ހޭޔަންބޯ ސެޓަކީ ދުވަހަކުވެސް އެތަނުން ގުޑުވާނުލާ އިިންނަ ސެޓެއް އެކަމަކު އެ ސެޓް ވެސް ރޫޅާލައިގެން އަޅުގަނޑުމެން ނެރުނީ، ތަނަކީ ދެން އެހާ ވަރުގަދަ ތަނެއް ނޫން، މަތީގައި ވެސް ގިނަ ލައިޓްތަކެއް އެކުލަވައިލަން ޖެހޭ، ބިއްތައް ވެސް އެހާ ވަރުގަދަ އެއް ނޫން، މިހާރު ހުރި ސްޓްރެކްޗާ ގަނޑު ދޫކޮށްލާފައި މުޅިން އާ ސްޓެރެކްޗާ ގަނޑެއް ހަދަން މި ޖެހެނީ، މޫވިން ލައިޓްތަކާ ހުރިހާ އެއްޗެއް ހަރުކުރަން އެބަޖެހޭ އެއީ މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ،" ރިޔާޒު ކިޔައިދިނެވެ.

މި ބިޔަ ސެޓް ހެދުމުގައި ރިޔާޒަށް ތަފާތު ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރުމަށް ފުރުސަތު ލިބުނުއިރު އޭނާއަށް އެންމެ ބޮޑު އެއްޗެއް ދަސްވީ އިންޑިއާ މީހެއްގެ ފަރާތުންނެވެ. އެމީހާއަކީ ސެޓް ކޮލިޓީ ބެލުމަށް ހުންނަ މީހެކެވެ. އޭނާ ބޭނުންވާ ފެންވަރުގެ ސެޓެއް ހެދުމަށް ރިޔާޒު ގެންދަނީ ބުރަ އަދި ތައުރީފު ހައްގު މަސައްކަތްތަކެއް ކުރަމުންނެވެ.

"މީގަ މަސައްކަތް ކޮށްލަން ފުރުސަތު ލިބުނު އިންޑިއާއިން މިކަމާ ހަވާލުވެ ހުންނަ މިހާއާއެކު، ކޮންމެ އޮޑިޝަނަކަށް ވެސް އޭނަ ދިޔަ، އޭނާގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވި، އޭނާ ގަބޫލެއް ނުކުރާނެ ކޮންމެ ކޮންމެ ގޮތަކަށް ހުންނާކަށް އެހެންވީމަ އޭނަ ހިތްހަމަޖެހޭ މިންވަރަށް ގެންދަން މަސައްކަތް ކުރަންޖެހޭ، އެއްވެސް ތަނަކުން އަލި ހުރެގެން ނުވާނެ ހުރިހާ ތަނެއް އޭނާއަށް ހުންނަންޖެހޭ ކަޅުކޮށް، އެއްވެސް ސޮޓަކަށް އަރައިގެން ނުވާނެ، ތަޖުރިބާތަކެއް ކުރެވުން އޭނާގެ ފަރާތުން، ކުރިއަށް އޮތް މަސައްކަތްތަކަށް އޭގެ ސަބަބުން އެހީވާނެ، އޭނާ ބޭނުންވާ ކޮލިޓީގެ ސެޓެއް ހެދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް، އެކަމަށް ޝައްކެއް ވެސް ނެތް،"

ކޮންމެއަކަސް މޯލްޑިވިއަން އައިޑޮލް ވެގެން ދިޔައީ ރިޔާޒަށް ބޮޑު ތަޖުރިބާއަކަށެވެ. އޭނާ ބުނާގޮތުން މި ތަޖުރިބާގެ ސަބަބުން ކުރިއަށް އޭނާ ކުރާ މަސައްކްތަކަށް ފަސޭހަވެގެންދާނެ އެވެ. އަދި އެ މަސައްކަތްތަކުގެ ފެންވަރު ވެސް ރަނގަޅުވެގެންދާނެ ކަމުގެ ޔަގީންކަން ރިޔާޒު ދެއެވެ. ރިޔާޒަށް މޯލްޑިވިއަން އައިޑޮލްއަކީ ހަނދާނުން ފިލުވާލަން ދަތި، ބިޔަ ތަޖުރިބާއެކެވެ. މިފަދަ ބޮޑު ޕްރޮޖެކެޓެއްގައި މަސައްކަތް ކޮށްލަން އޭނާއަށް ފުރުސަތު ދިނުމުން ޕީއެސްއެމްގެ މެނޭޖްމެންޓަށް އޭނާ ޝުކުރުއަދާކުރި އެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ޓީމަށް ސާބަސް ދިނެވެ.

"ވަރަށް ތަފާތު ތަޖުރިބާއެއް މިއީ، ގޯހެއް ނޫން ވަރަށް ރަނގަޅު، ވަރަށް ބައިވަރު މީހުންނާއެކު މަސައްކަތް ކޮށްލާ، މިކަހަލަ ތަޖުރިބާއެއް މިއީ ހަޔާތުގައި ގިނަގިނައިން ލިބޭނެ ފުރުސަތެއް ނޫން ކަންނޭނގޭ، އެންމެން އެކީގައި ކައި، އެކުގައި މަސައްކަތް ކޮށް، ވަރަށް ތަފާތު ދެން،" ތަޖުރިބާ ރިޔާޒު ސިފަކުރީ މިފަދައިންނެވެ.