ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭނެ ހައްލެއް ހޯދާ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފި އެވެ.
ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެންބަރުން މިއަދު ވަނީ އިންތިހާބުތަކުގައި ވޯޓުލުމުގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނަށް ބައްދަލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ބްލައިންޑް އެސޯސިއޭޝަނުން ހުށަހެޅި ކަންކަން ކުރުމަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
"އެބޭފުޅުން އެބަ ފާހަގަކޮށްދެއްވާ އެކަން (މީހެއްގެ އެހީއާ ނުލާ ވޯޓު ލެވޭނެ) ކުރެވެން އޮތް ވަރަށް ފަސޭހަ ގޮތެއްވެސް. އަޅުގަނޑަށް ފެންނަ ތަނުގައި މިކަން އަޅުގަނޑުމެން ނުކުރާންވީ އެއްވެސް ސަބަބެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބްލައިންޑް އެސޯސިއޭޝަންގެ ނައިބު ރައީސް ހުސައިން ޝަރީފު ވިދާޅުވީ މިނިވަންކަމާއެކު ސިއްރު ވޯޓުލުމުގެ ހައްގު ގާނޫނު އަސާސީން ލިބިފައިވީ ނަމަވެސް އަދިވެސް އެ ހައްގު ނުލިބޭ ކަމަށެވެ.
"އާންމު ގޮތެއްގައި ކޮންމެ އިންތިހާބަކާ ކައިރިވީމަވެސް އަޅުގަނޑުމެންނަށް އަޑުއިވެނީ ވަގުތު ކުޑަތަންވީމަ ނުވަތަ ބަޖެޓު ނެތީމަ މި އިންތިހާބުގައި ނުވިކަމުގައި ވިޔަސް ދެން އަންނަ އިންތިހާބެއްގައި މިކަން ކުރެވިދާނެ އޭ،" ހުސައިން ޝަރީފު ވިދާޅުވީ އެވެ.
ހުސައިން ވިދާޅުވީ މިނިވަންކަމާއެކު ސިއްރު ވޯޓު ނުލެވުމުގެ ސަބަބުން ލޯފަން ކުދިންނަށް ތަފާތު ނުފޫޒުތައް ކުރިމަތިވާ ކަމަށެވެ.
ލޯފަން ކުދިންނަށް މީހެއްގެ އެހީއާ ނުލާ ވޯޓު ލެވޭނެ ގޮތް ހެދުމަށް ވޯޓު ކަރުދާހަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެކަނި ވޯޓުލެވޭ ގޮތަށް މަގުފަހިކުރުމަށް ހުށަހެޅީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ ޝީޓެކެވެ. ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހަންވީ ހިސާބު މީގައި ވަނީ ފާހަގަކޮށްފަ އެވެ.
ކޮންމެ ވޯޓު ފޮއްޓަކަށް އޭގެ އެއް ޝީޓު ބޭއްވުމުން މައްސަލަ ހައްލުވާނެކަން ބްލައިންޑް އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
ގާނޫނަކަށް ނުވަތަ ގަވާއިދަކުން ފުށުއަރާނަމަ އެއަށް ބަދަލު ގެނެސް ހައްލު ގެނެވެން ޖެހޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
މައްސަލަ ހައްލުކުރުމަށް ކޯޓަށް ދާންޖެހޭ ނަމަ ކޯޓަށްވެސް ދާނެ ކަމަށް ބްލައިންޑް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.