ވެރިކަމުގެ ފަރާތުން އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ މުދަލާއި ދައުލަތުގެ މީޑިއާ ބޭނުންކުރުމަށް ހައްލު ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ އިބްތިދާއީ ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ދެއްކެވި ވާހަކައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވާދަވެރި ކެންޑިޑޭޓަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ޒިޔާރަތްކުރެއްވި ޔޫރަޕިއަން ޔޫނިއަން އިލެކްޝަން އޮބްޒަވޭޝަން ޓީމަކާއި ބައްދަލުކުރެއްވި ކަމަށާއި އިންތިހާބުތަކާ ގުޅޭ ގޮތުން އެ ޓީމުން ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުގެ ފަރާތުން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އެކަންކަން ނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
"ހާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުންކުރުމާއި އަދި މީޑިއާ، ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުންކުރަމުން ގެންދިއުން މި ދެ ކަންތައް އެ ބޭފުޅުންގެ ކަންބޮޑުވުމުގެ ގޮތުގައި ފާހަގަކުރެއްވި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކަންކަމާ ގުޅޭ ގާނޫނީ ހައްލު ލިބުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ރައީސް ސޯލިހްއާ ވާދަވެރި ކެންޑިޑޭޓް ނުފުއްދޭ ވައުދު ވަމުންދާ ކަމަށެވެ.
"ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްއާ ވާދަވެރި ކެންޑިޑޭޓު އެ މީހުންނަށް ނުވެސް ކުރެވޭ ކަހަލަ ކަންކަން ވައުދުގެ ގޮތުގައި ހުށަހަޅާ އުޑުންތަރި ބާލަދީ ދިވެހިރާއްޖެ މުޅިން ހަލާކުގެ މަގަށް ހިނގައިދާނެ ފަދަ ކަންކަން އެބަ ކުރޭ،" ޝަރީފު ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ކެންޑިޑޭޓުންގެ ވައުދާއި ރިޝްވަތު ވަކިކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ.
އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރުމަކީ ވައުދު ކަމަށް އިސްލާހުގައިވެ އެވެ.
ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން އިންތިހާބަށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުމާއި މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ އެވެ.