ޑރ. މުހައްމަދު މުނައްވަރު

ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ދެއްވައިފި އެވެ.

މިފަދަ އިޝާރާތެއް ޑރ. މުނައްވަރު ދެއްވާފައިވަނީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިކަމާ ގުޅިގެން އަވަސް އިން ޑރ. މުނައްވަރަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާއިރު އެމަނިކުފާނު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ޑރ. މުނައްވަރު މިފަހުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޗާގޮސް މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަކިން ބޮޑަށް ފާޑުވިދާޅުވެ މިސަރުކާރުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަންވެސް ކުރައްވާފައިވާ ޑރ. މުނައްވަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް ސިޔާސީ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރުމަށް ކައުންސިލަށް ލަފާ އެރުވުމަށް ފާސްކޮށްފަ އެވެ.