މާރިޔާ އަހުމަދު ދީދީ

ބޮޑު ހާދިސާއެއް ކުރިމަތިނުވެ އެއާޕޯޓްގެ އޮޕަރޭޓްކުރެވެނީ ސެކިއުރިޓީއަށް ބޮޑު ސަމާލުކަމެއް ދޭތީ

ބޮޑު ހާދިސާއެއް ކުރިމަތިނުވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޮޕަރޭޝަންސް ކުރިއަށް ގެންދެވެނީ ސޭފްޓީ އާއި ސެކިއުރިޓީއަށް ބޮޑު ސަމާލުކަމެއް ދޭތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތައާރަފްކުރި "ބިނާރު" ކެމްޕޭން އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ވީއައިއޭގެ ސްކޭލްގައި ހިދުމަތްދޭ އިތުރު އެއްވެސް އެއާޕޯޓެއް އިންޑިއާ ކަނޑުގައި ނެތް ކަމަށެވެ.

ފްލައިޓް ރަންވޭއަށް ޖެއްސުމުގެ ކުރިން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ފެށޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އެހެން އޮޕަރޭޓަރުންނާއި ހިލާފަށް އެމްއޭސީއެލްގައި، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެބަ ފެށޭ ފްލައިޓެއް ރަންވޭއަށް ޖެއްސުމުގެ މާކުރިން، ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދަށް އުދުހޭ އުޅަނދެއް ވަންނަ ހިސާބުން. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް މިއޮޕަރޭޓްކުރަނީވެސް ވީއައިއޭގެ ތެރެއިން. އެހެންކަމުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓް އޮޕަރޭޝަންސް އާއި، ސީޕްލޭން އޮޕަރޭޝަންސް އާއި، ކާގޯގެ ހިދުމަތްތަކާއި އެއްގަމު މަގުންނާއި ކަނޑުމަގުން އެއާޕޯޓަށް އައިސްގޮސްވާ އެންމެހާ ފަރާތްތަކާއި އުޅަނދުތަކަށް ބޭނުންވާ ހިދުމަތްތައް އެކުލެވޭނެހެން މި ސްކޭލްގައި ހިދުމަތްދޭ އިތުރު އެއްވެސް އެއާޕޯޓެއް އިންޑިއާ ކަނޑަކު ނެތް،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ ލިސްޓުގެ އެންމެ ކުރީގައި ގިންތި ކުރެވެނީ ފަތުރުވެރިކަމާއި ވިޔަފާރީގެ އިތުރުން ފަތުރުފަތުރާއި މުވާސަލާތު ކަމަށެވެ. މިއިން ކޮންމެ ދާއިރާއެއްގައިވެސް ވީއައިއޭ އަދާކުރާ ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ.

"ވީއައިއޭގެ ސެކިއުރިޓީ އަދި ސޭފްޓީގެ ކަންކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ގައުމުގެ ސަލާމަތާވެސް ގުޅިފައިވާ ކަމެއް. މިއެއާޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ކުރިމަތިވާ ނުރައްކަލެއް. ކޮންމެ ގޮންޖެހުމަކީ، ގައުމުގެ އިގުތިސާދަށް ކުރިމަތިވާ ގޮންޖެހުމެއް،" މާރިޔާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ "ބިނާރު" ކެމްޕޭނަކީ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އަދި ސެކިއުރިޓީއަށް ސަމާލުކަންދީގެން ބާއްވާ ކެމްޕޭނެކެވެ. މާރިޔާ ވިދާޅުވި ގޮތުގައި މިއީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިހާ ފުޅާ ކެމްޕޭނެއް ފަށާ ފުރަތަމަ ފަހަރެވެ.

"ބިނާރު"ގައި ސޭފްޓީ އާއި ސެކިއުރިޓީ އަދި ސިއްހަތާގުޅޭ އެވެއާނަސް ޕްރޮގްރާމްތަކާއި ހެލްތް ސްކްރީނިން ފަދަ ހަރަކާތްތައް ހިމެނެ އެވެ.