ގދ. ތިނަދޫ

މިއަދު ހަވީރު 4:30 ހާއިރު ތިނަދު އަށް ކަރަންޓު ދޫކުރާނެ: ފެނަކަ

  • މުޅިން އާ އިތުރު އިންޖީނެއް މާދަމާ އެ ރަށަށް ފޮނުވާނެ
  • މިހާރު ހުރި އިންޖީނުތަކުން 2،000 ކިލޯވޮޓްގެ ކަރަންޓް އުފައްދާނެ
  • ކަރަންޓް ނެތި ތިނަދޫ އޮންނަތާ ހަފްތާއެއް

ކަރަންޓުދޭން ބޭނުންކުރި ހުރިހާ އިންޖީނުތަކާއެކު އިންޖީނުގެ އަނދާ ހުލިވުމުން، މުޅި ރަށުން ކަރަންޓު ކެނޑިފައި އޮތް ގދ. ތިނަދުއަށް، މިއަދު ހަވީރު 4:30 ހާއިރު ކަރަންޓް ދޫކުރާނެ ކަމަށް ފެނަކައިން ބުނެފި އެވެ.

އިންޖީނުގެ އަނދާ ހުލިވުމުގެ ސަބަބުން ކަރަންޓަށް ޖެހިފައިވާ ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް އެއް ކިލޯ ވޮޓުގެ ދެ އިންޖީން ތިނަދޫއަށް ގެންދިޔައީ އިއްޔެ އެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، ދެ ޖެނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަނދި އިންޖީނުގޭގެ ގޯތި ތެރޭގައި ދެ "ކޮންޓެއިނާ ޕަވާހައުސް" ހަދާފައިވާއިރު އިންޖީނުތައް އިންސްޓޯލްކުރަނީ އެތަނުގައި ކަމަށާއި އެ މަސައްކަތް މިއަދު ހަވީރަށް ނިންމާލެވޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ.

"އެއް މެގަ ވޮޓުގެ ދެ އިންޖީން މިހާރު އިންސްޓޯލް ކުރަމުން އެ ދަނީ، މިއަދު ހަވީރަށް އެކަން ނިމި 4:00 ނޫނީ 4:30 ހާއިރު މުޅި ތިނަދޫ އަށް ކަރަންޓު ދޫކުރެވޭނެ،" ނިމާލް ވިދާޅުވި އެވެ.

ތިނަދޫގައި މިއަދު އިންސްޓޯލްކުރާ ދެ އިންޖީނުން އެ ރަށުގެ އާބާދީއަށް ބޭނުންވާ މެކްސިމަމް ކަރަންޓު ފޯރުކޮށްދެވޭނެތީ، އެ އިންޖީނުތަކަކީ އެރަށުގެ ކަރަންޓު މައްސަލަޔަށް ދާއިމީ ހައްލަކަށް ވާނެ ކަމަށް ނިމާލް ވިދާޅުވި އެވެ. ތިނަދޫގައި މިއަދު އިންސްޓޯލްކުރާ ދެ އިންޖީނަކީ ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީ އިން އެރަށަށް ހަދިޔާކުރި ދެ އިންޖީނެވެ. އެ ދެ އިންޖީނަކީވެސް 1000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދުމުގެ ގާބިލުކަން ހުރި ދެ އިންޖީނެވެ.

"މިއަދު އިންސްޓޯލް ކުރާ ދެ އިންޖީނުން ތިނަދޫގެ މުޅި އާބާދީއަށް ކަރަންޓު ލިބޭނެ. ޖުމްލަ 2000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާނެ ދެ އިންޖީނު އެއީ، އެހެންވީމަ މިއީ ދާއިމީ ހައްލެއް. ނަމަވެސް އެ ދެ އިންޖީނަކީ ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވާ ދެ އިންޖީނަށް ވުމުން ދެ އިންޖީނުން ފުލްކޮށް 1000 ކިލޯ ވޮޓުގެ ކަރަންޓު ނުނެގިދާނެ، އެކަމަކު އެއީ މައްސަލައެއް ނޫން. މި ދެ އިންޖީނުގެ އިތުރަށް ވެސް، ބެކަޕެއްގެ ގޮތުގައި މުޅިން އާ އިންޖީނެއް އެރަށަށް މާދަމާ ލިބޭނެ،" ނިމާލް ވިދާޅުވި އެވެ.

ތިނަދޫ އިން ކަރަންޓު ކެނޑުމާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް، މިހާރު އެރަށަށް ލިބިފައިވާ ޖަނަރޭޓަރުތަކުގެ އިތުރަށް، 1000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާ ޖެނަރޭޓަރެއް ހޯދައިދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ފެނަކައަށް އަންގަވާފަ އެވެ. ރައީސްގެ އެންގެވުމާ އެއްގޮތަށް މުޅިން އާ ޖެނަރޭޓަރެއް ތިނަދޫއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނިމާލް ވިދާޅުވި އެވެ.

އުފުލިއެއްގައި ތިނަދުއަށް ފުރުވާލާފައިވާ އާ އިންޖީނަކީ 1.4 ކޭވީއޭ އިންޖީނެއް ކަމަށް ފެނަކައިން ބުނެ އެވެ. އެ އިންޖީނުން 1000 ކިލޯ ވޮޓަށް ވުރެ ގިނައިން ކަރަންޓު ނެގޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"މިހާރުވެސް 2000 ކިލޯ ވޮޓު ކަރަންޓު އުފައްދާނެ ދެ އިންޖީން އެރަށުގައި އެހުރީ. މާދަމާ ލިބޭ އާ އިންޖީނާ އެކު 1000 ކިލޯ ވޮޓު އަނެއްކާވެސް އިތުރަށް އޭގެއިން ނެގޭނެ. އެކަމަކު އެ އިންޖީނަކީ ބެކަޕެއް. މިހާރު ހުރި އިންޖީންތަކަށް މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ބޭނުންކުރާނެ އިންޖީނެއް. މި މައްސަލައިގެ ދާއިމީ ހައްލު ފުރިހަމަވާނީ އިންޖީނުގެ ވެސް އާންމު ހާލަތަށް އައުމުން ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު އިންޖީނުގެ އަލުން ހަދަން ދެތިން މަސް ނަގާނެ،" ނިމާލް ވިދާޅުވި އެވެ.

ތިނަދުއަކީ 10،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށަށް އެހީވުމަށް ޓަކައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ފެނާއި ތެލާއި އުއްބަތި ފަދަ ތަކެތި ހަދިޔާ ކުރަމުންނެވެ. އިންޖީނުގެ އަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން ގާތްގަނޑަކަށް 22 މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ.