އިލެކްޝަންސް ކޮމިޝަން

ވޯޓު އާބާދީގެ 42 ޕަސަންޓް ސިޔާސީ ޕާޓީއަކާ ނުގުޅޭ

ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 42 ޕަސަންޓް މީހުން ސިޔާސީ ޕާޓީއަކާ ނުގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު އާންމު ކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 283،272 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އޭގެ ތެރެއިން 162،935 މީހުން -- 58 ޕަސަންޓްއަކީ ސިޔާސީ ޕާޓީތަކުގައި ތިބި މީހުންނެވެ. އަދި 120،337 މީހުން -- 42 ޕަސަންޓްއަކީ ސިޔާސީ ޕާޓީގައި ނޫޅޭ މީހުންނެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ އެވެ.

ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންކުރާނެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސާފައިވާއިރު ރިޔާސީ އިންތިހާބަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅީ 90 މިލިއަން ރުފިޔާ އެވެ.