ރިޒާވް

ރަސްމީ ރިޒާވް އިތުރުވެ 795 މިލިއަން ޑޮލަރަށް

ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވެ މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު 795.83 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފަ އެވެ. ރަސްމީ ރިޒާވް އިތުރުވި ނަމަވެސް ޔޫސަބަލް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ.

ރަސްމީ ރިޒާވްގެ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު ހުރީ 789.97 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި، ފެބްރުއަރީ ނިމުނުއިރު ހުރީ 560.35 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން ފެބްރުއަރީ މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގައި ހުރީ 235.48 މިލިއަން ޑޮލަރެވެ.

ޔޫސަބަލް ރިޒާވްގެ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު ހުރީ 253.76 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.