ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަންދޫބު އަދި އެޑްވައިޒަރު އިލްހާމް އަހްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ދެއްކެވި އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދު އާއި އިލްހާމް ވަނީ މިދިޔަ ހަފުތާގައިވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވާފަ އެވެ.
ރައީސް ނަޝީދު، ގާސިމްގެ މަންދޫބާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެމްޑީޕީ ނޫން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ތާއީދު ކުރައްވަން އުޅުއްވާ ކަމުގެ ތުހުމަތުތަކެއް ވަަނީ ކުރެވިފަ އެވެ.
ޖުމްހޫރީ ޕާޓީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންގްރެސްގެ ފެށުމާއި ނިމުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި ދެ ރަސްމިއްޔާތުގައި ވެސް ގާސިމް އިބްރާހީމް ވަނީ ރައީސް ނަޝީދަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފަ އެވެ. މިފަހުން ރައީސް ނަޝީދު ވެސް ގެންދަވަނީ ގާސިމް އިބްރާހީމަށް ތައުރީފް ކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް މިދިޔަ މަހު ސިޓީއެއް ފޮނުއްވާފަ އެވެ. މިސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ ރިޔާސީ ދެވަނަ ދައުރަކަށް އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށެވެ. ނަމަވެސް ޖޭޕީއާއި އެމްއާރްއެމް އިން ރައީސް ސޯލިހަށް ތާއީދުކުރަން އަދި ނިންމާފައެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންގްރެސްގައި ވަނީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ތާއީދުކޮށް ނިންމުމެއް ނިންމާފަ އެވެ. އަދި ޖޭޕީގެ ކައުންސިލުން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ނިންމާނެ ގޮތެއް ނިންމުމަށް ގާސިމް އިބްރާހީމަށް ބާރު ދެއްވާފަ އެެވެ.