މާލެ ސިޓީގައި ހުއްދަ ނެތި މައުދަންތައް ގުދަން ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެ އެވެ.
އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުން ފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުނދަގޫވަމުންދާކަމާއި ސިއްހީ ގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުފައިވާ ކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.
ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރެވޭނީ ތަންފީޒީ އިދާރާގެ ހުއްދަ ހޯދުމަށްފަހު އެވެ. ހުއްދަނެތި އެފަދަ މަސައްކަތެއއް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.
އީޕީއޭ އިން ބުނީ އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ.
އެފަދަ މަސައްކަތްތަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށް ވީނަމަވެސް އެމަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހުގައިކަން އީޕީއޭ އިން ވަނީ ހަނދާންކޮށްދީފަ އެވެ.
އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަސްތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދި ކުނި މެނޭޖުކުރުމުގެ ގަވާއިދުގައިވާ ފޯމު ހުށަހެޅުމަށް އީޕީއޭ އިން ވަނީ އެދިފަ އެވެ. އެފަދަ މަސައްކަތްތައް ކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް މިހާރުވެސް އެޅުމަށް ވަނީ އަންގާފަ އެވެ.