ބޮލީވުޑް

އެކްޓަރު-ޑައިރެކްޓަރު ސަތީޝް ކައުޝިކް މަރުވެއްޖެ

ސަލްމާން ޚާންގެ ބްލޮކްބަސްޓާ ފިލްމު "ތޭރޭ ނާމް" އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ސަތީޝް ކޯޝިކް މަރުވެއްޖެ އެވެ. ޑައިރެކްޓަރެއްގެ އިތުރުން ސަތީޝް އަކީ ވަރަށް މޮޅަށް ކޮމެޑީ ބައިތައް ކުޅޭ އެކްޓަރެއް ވެސް މެއެވެ. ސަތީޝް، 66، މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ސަތީޝް މަރުވުމާ ގުޅިގެން އެކްޓަރު އަނޫޕަމް ކޭރް ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި ސަތީޝް އަކީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ އެވެ. އަދި ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ޔަގީންވިޔަސް އޭނާގެ އެންމެ ގާތް އެކުވެރިޔާ މަރުވި ޚަބަރު ލިޔަން ޖެހިދާނެ ކަމަކަށް ހުވަފެނަކުން ވެސް ފެނިފައެއް ނުވެ އެވެ.

"އަހަރެމެންގެ 45 އަހަރުވީ އެކުވެރިކަމުގައި ކުއްލިއަކަށް މިވަނީ ފުލްސްޓޮޕް ޖެހިފައި. އެކުވެރިޔާ އާ ނުލައި ކުރީގެ ދިރިއުޅުން ދެން ކުރިއެކޭ އެއްގޮތެއް ނުވާނެ،" އަނޫޕަމް ލިޔެފައި ވެއެވެ.

މާޗް ހަތެއްގައި ޝާއިއު އަދި ލިޔުންތެރިޔާ ޖާވީދު އަޚްތަރުގެ ގޭގައި އޮތް ހޯލީ (ކުލަ އާއި ފެނުގެ ފެސްޓިވަލް)ގައި ވެސް ސަތީޝް ބައިވެރިވެފައި ވެއެވެ. އެތަނުގައި ހުއްޓާ ކުއްލިއަކަށް އޭނާގެ މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވީ އެވެ.

"ޖާނޭ ބި ދޯ ޔާރޯ"، "ސާޖަން ޗަލޭ ސަސުރާލް" ފަދަ ރީތި ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސަތީޝް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު މިއަހަރުގެ ފަހުކޮޅު ރިލީޒްކުރަން އޮތީ ހަމަޖެހިފަ އެވެ. އަދި ކަންގަނާ ރަނާވަތު ޑައިރެކްޓްކުރާ "އިމަޖެންސީ"ގައި ސަތީޝް މުހިއްމު ރޯލެއް އަދާކުރެ އެވެ.

ސަތީޝް މަރުވުމުން ބޮލީވުޑަށް ވަނީ ހިތާމައިގެ ސާލެއް ފެތުރިފަ އެވެ. އޭނާއާ އެކު މަސައްކަތްކޮށްފައިވާ ފަންނާނުން ގެންދަނީ އޭނާ މަރުވުމުގެ ހިތާމައިގައި ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑީއާގައި ޕޯސްޓް ކުރަމުންނެވެ.