އެމްޓީސީސީއިން ހަތަރު ބާޖާއި ހަތަރު ޓެގް ގެނެސް، ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. ހަތަރު ބާޖާއި ހަތަރު ޓެގް އިފްތިތާހުކޮށްދެއްވީ މިއަދި ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މައިއްޒެވެ.
ތިލަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ރައްޒާގު ހަލީމް ވިދާޅުވީ، ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު ގިނަ މަޝްރޫއުތަކަކީ އިންޑިއާއިން ބޮޑު ހިލަ ގެނެސްގެން ހިންގާ މަޝްރޫއުތަކެއް ކަމަށާއި، އެމްޓީސީސީއަށް ދިމާވެފައިވާ އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ބޮޑު ހިލަ ގެނައުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު އިންވެސްޓްކޮށްގެން ކުންފުންޏަށް އިތުތު ހަތަރު ބާޖާއި ޓެގް ލިބުމުން އެ މައްސަލަ ހައްލުވެފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަރުކާރުން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކެނޑިނޭޅި އެ މަސައްކަތްތެއް ނިންމަން އޮންނަ މުއްދަތަށް ނިންމުމަށް މަސައްކަތް ކުރަމުން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އެމްޓީސީސީއަށް އިންޓަނޭޝަނަލް ހަތަރު ބާޖާއި ހަތަރު ޑަގް ފުރިހަމަވެފައިވާއިރު، ރާއްޖޭ ތެރޭގައި ކުރިއަށްދާ މަޝްރޫއުތަކަށް ތަކެތި ފޮނުވުމަށް 8 ބާޖާއި ދެ ޑަގް މިހާރު ވެސް ބޭނުންކުރަމުންދާ ކަމަށެވެ. މި ފެންވަރުގެ ބާޖާއި ޑަގް ރާއްޖޭގެ އެހެން ކުންފުންޏަކުން ނުގެންގުޅޭ ކަމާއި މި ސަރަހައްދުގައި ވެސް މި ދާއިރާއިން އެންމެ ކުރި ހޯދާފައިވަނީ އެމްޓީސީސީކަން ފާހަގަކުރަނީ ފަހރުވެރިކަމާއެކު ކަމަށް ހަލީމް ވިދާޅުވި އެވެ. :މިފަދަ ފްލީޓެއް ރާއްޖޭގެ އެހެން ކޮންސްޓްރަކްޝަން ކުންފުންޏެއްގަ ނެތް، އަދި މި ސަރައްހައްދުގައި ވެސް އެންމެ ފުރިހަމަ ފްލީޓެއް އޮތް ކުންފުންޏަކީ އެމްޓީސީސީ،"
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، 2.6 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ވެސް އެމްޓީސީސީއިން ކުރިއަށް ގެންދާއިރު ސަރުކާރުން ބޭނުންވާ ސްޕީޑްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް އެމްޓީސީސީއިން އިސްކަމެއް ދެއްވާތީ އުފާކުރައްވާ ކަމަށެވެ.
"އެމްޓީސީސީގެ އަމިއްލަ ޓަގާއި ބާޖްތައް އިތުރުވަމުންދާ މިންވަރަކަށް ރައްޔިތުންގެ ފައިސާއިން މިކުރެވޭ ހަރަދުތައް އޭގެ އެންމެ ރަނގަޅު އަގުގައި ކުރެވިގެން ގޮސް، ރަނގަޅު މަޝްރޫއުތަކެއް ނިމިގެން ރައްޔިތުންނާ ހަމައަށް ފޯރުކުރެވިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.