އެޗްޑީސީ

ފްލެޓްތަކުގެ މަރާމާތްތައް އުސޫލާ އެއްގޮތަށް ކުރަން އެދިއްޖެ

މަޖީދީމަގު މއ. ވޭސައިޑްގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާއި ގ. ގާކޮށީގެ ފްލެޓުތަކުގައި ކުރާ މަރާމާތުގެ މަސައްކަތްތައް އުސޫލާ އެއްގޮތަށް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

އެޗްޑީސީން ބުނީ މއ. ވޭސައިޑް އަދި ގ. ގާކޮށީގެ ފުލެޓުތަކުގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ މަރާމާތުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ގޮތަށް ކުރެވޭ މަސައްކަތްތައް އެޗްޑީސީން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް ކުރުމަށް ވަނީ އެދިފަ އެވެ.

އަޑުގަދަވާ ފަދަ މަސައްކަތްތައް ކުރުމަށް ހުއްދަ ދެވިފައިވަނީ ހެނދުނު 8:00 އާއި އިރުއޮއްސި 6:00 އާ ދެމެދުގައެވެ. އިރުއޮއްސި 6:00 އިން ހެނދުނު 8:00 އާ ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީގެ ހުއްދަ ނަގަންޖެހޭ ފަދަ މަސައްކަތެއް ނަމަ އެކަމުގެ ހުއްދަ ނެގުމަށްފަހު އެ ކޯޕަރޭޝަންގެ ފެސިލިޓީސް މެނޭޖްމަންޓްގެ އިރުޝާދާއި އެއްގޮތަށް ކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ފުލެޓުން ބޭރުގައި، ކޮރިޑޯ ނުވަތަ ކޮމަން އޭރިއާގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ވަގުތުން އުކާލުމަކީ އެ މަސައްކަތެއް ކުރާ ފަރާތުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އުކާލަން ބޭނުންވާ ތަކެތި ވަގުތީ ގޮތުން ގްރައުންޑް ފްލޯގައި ބަހައްޓާނަމަ އެތަކެތި ބަހައްޓާ ފުލެޓުގެ ތަފުސީލު ސެކިއުރިޓީއާ ހިއްސާ ކުރުމަށާއި ވީ އެންމެ އަވަހަކަށް އެތަކެތި އުކާލުމާއި ތަން ސާފުކުރުމަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ.