ދައުލަތުގެ މިއަހަރުގެ ހަރަދު ހަތަރު ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރަމުން ގެންދާ ހަފުތާގެ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް -- 61 ދުވަހުގެ ދައުލަތުގެ ހަރަދު ވަނީ 4.1 ބިލިއަނަށް އަރާފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ކުރި ހަރަދަށްވުރެ 911.3 މިލިއަން ރުފިޔާ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ހޭދަކުރީ 3.2 ބިލިއަން ރުފިޔާ އެވެ.
ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 945.4 މިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް ވަނީ 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 821.4 މިލިއަން ރުފިޔާ ހަރަދުކުރިއިރު ލޯނުތައް ދެއްކުމަށް 445.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދައުލަތުގެ ހަރަދުގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.
އާމްދަނީގެ ގޮތުގައި ދައުލަތަށް މި މުއްދަތުގައި 4.1 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކްސް އާމްދަނީން 3.5 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން އާމްދަނީން 639.8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.