މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލްގެ ހަރަކާތްތެރި ދެ މެނޭޖަރުން!

މޯލްޑިވިއަން އައިޑޮލްގެ ޓީމްގެ ހުނަރާއި ކުޅަދާނަކަމުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލް، މޯލްޑިވިއަން އައިޑޮލްގެ ގޮތުގައި ފެނިގެންދަނީ މެނޭޖްކުރެވޭ ގޮތް ރަނގަޅުވެގެނެވެ. ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ޝޯ މެނޭޖުކުރުމުގައި އިސްވެ ހަރަކާތްތެރިވަނީ ޕީއެސްއެމްގެ ދެ މުވައްޒަފެކެވެ. އެއީ އަލީ ރިޒާ އިސްމާއިލާއި ހުސެއިން ނިޔާޒެވެ.

ފުރަތަމަ އަލީ ރިޒާ އިސްމާއިލަށް ޖެހިލަމާ ހިނގާށެވެ. އޭނާ ޕީއެސްއެމްގެ ހެޑް އޮފީހުގައި މަސައްކަތްކުރާތާ 10 އަހަރުވެފައިވާއިރު، ރިޒާގެ ވަޒީފާއަކީ ލީގަލް ކަންކަން ކުރުމެވެ. މޯލްޑިވިއަން އައިޑޮލްގައި ވެސް މައިގަނޑު ގޮތެއްގައި ރިޒާ ކުރާ މަސައްކަތްތަކީ އެއީ އެވެ. އައިޑޮލްގައި މަސައްކަތްކުރުމުގެ ފުރުސަތު ރިޒާއަށް ދިނީ ވެސް ވަރަށް އިތުބާރާއެކުގަ އެވެ.

"އައިޑޮލްގެ އެއްވެސް ކަމަކަށް އެގްރިމެންޓެއް ނެތި ނުވަންނާނެ، ސްޕޮންސަރުންނާއި ބައިވެރިން ވެސް އެގްރިމެންޓަކާ ނުލައެއް ބައިވެރިއެއް ނުވާނެ، ހަދަން ޖެހޭ ހުރިހާ އެގްރިމެންޓެއް ހެދުމާ އެނޫނަސް ގާނޫނީ ގޮތުން ހައްލުކުރަން ޖެހޭ ބައެއް ކަންތައްތައް ހައްލުކޮށް، އެކަހަލަ މަސައްކަތްތައް އަޅުގަނޑު ކުރަނީ،" ރިޒާ ބުންޏެވެ.

ރިޒާ މިހާރު ވަނީ ސްޕޮންސަރުންގެ ހުރިހާ އެގްރިމެންޓެއް ހަދާ ނިންމާފައެވެ. އަދި ބައިވެރިން އޮޑިޝަނުގައި ބައިވެރިވުމަށް ސޮއިކުރާ އިގުރާރާއި ތިއެޓާ ރައުންޑަށްދާ ކުދިންނާއެކު ވެސް މިހާރު ވަނީ އެގްރިމެންޓް ހަދާފަ އެވެ. ޝޯގެ އެންމެ ފަހުގެ އެގްރިމެންޓް ހަދައި، ޝޯގެ ބައިވެރިން މަގުމައްޗާއި އެހެން ވެސް ތަންތާގައި އުޅެންޖެހޭނެ އުސޫލާ ގަވާއިދުތައް ވެސް އެކުލަވާލަނީ ކުރިން އަތޮޅު އޮފީސް ހިންގުމުގެ ތަޖުރިބާވެސް ހުރި އަދި ޅެންވެރިކަން ވެސް ކުރާ ރިޒާ އެވެ.

"ކުއްލި ކުއްލިއަށް ކުރަންޖެހޭ ކަންތައްތައް ވެސް ހުރޭ، ރަށަކަށް ގޮސް ހަމަ ކުއްލިއަކަށް ކަމެއްކުރަން ޖެހިދާނެ، އެހެންވެއްޖެ ނަމަވެސް އެބަޔަކާއެކު ގާނޫނީ ކަންތައްތައް ނިންމާލަން ޖެހޭ އެ ވަގުތުން ވެސް، ބައެއް މީހުންނަށް ފައިސާ ދިނުމަށް ވެސް ގާނޫނީ ގޮތުން ނިންމަން ޖެހޭ ކަންތައްތައް ނިންމަން،" ރިޒާގެ މަސައްކަތް އޭނާ ކިޔައިދިނެވެ.

ރިޒާ ވަނީ ހުރިހާ އޮޑިޝަންތަކެއްގައި ވެސް ބައިވެރިވެފަ އެވެ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ކުރަން ޖެހުނު ކޮންމެ މަސައްކަތްތެއް ވެސް ރިޒާ ވަނީ އޮޑިޝަންތަކުގައި ކޮށްފަ އެވެ. އޮޑިޝަންތައް މެނޭޖުކުރުމުގައި ރިޒާ ވަނީ ހަރަކާތްތެރިވެފަ އެވެ. ރިޒާގެ އިތުރުން ދެން މި މަސައްކަތުގައި ހަރަކާތްތެރިވީ ނިޔާޒެވެ.

"ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ބޮޑެތި ފަރާތްތަކާއި ފުލުހުންނާ ބައްދަލުކުރަން، އޮޑިޝަން ނިމެންދެން އެ ފަރާތްތަކުގެ އެހީ ހޯދަން، ރަށްރަށުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު، ބެރެއް ޖަހާލަން ޖެހުނަސް ގުރޫޕްތަކާ ވާހަކަ ދައްކާލައިގެން އެކަން ކޮށްލެވޭ، ހިނގާފައި ދަމުން ސައިކަލްގައި ދާ މީހަކު ކައިރީ ތަނަކަށް ގެންގޮސް ދިނުމަށް ބުނުމުން ހެޔޮ ހިތުން ގެންގޮސްދޭ ވަރަށް ތަފާތު ތަޖުރިބާއެއް، ކުއްލި ކުއްލިއަކަށް ނިންމަންޖެހޭ ކަންތައްތައް ކުރުމަށް މިހާރު ފަސޭހަވާނެ، " ރިޒާގެ ތަޖުރިބާ ހިއްސާކޮށްލި އެވެ.

ރިޒާގެ ވާހަކަ މަޑު ޖައްސާލާފައިވާ ނިޔާޒުގެ ވާހަކައަށް ޖެހިލާނަމެވެ. ހުސެއިން ނިޔާޒަކީ ޓީވީއެމްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 19 އަހަރުވެފައިވާ ޕްރިޑިއުސަރެކެވެ. ހުސެއިން ނިޔާޒުގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުމުގެ ތެރޭގައި "ވޮއިސް އޮފް މޯލްޑިވްސް" ހިމެނެ އެވެ. އެ ނަމާއެކު ނިޔާޒުގެ ކުޅަދާނަކަން ވަޒަންކޮށްލެވޭނެކަން ކަށަވެރެވެ. ވޮއިސް އޮފް މޯލްޑިވްސްގެ ތަޖުރިބާއާއެކު މޯލްޑިވިއަން އައިޑޮލްގައި ނިޔާޒު އަދާ މަސައްކަތްތަކަކީ ފައިސާގެ މުއާމަލާތްތަކާ ބެހޭ މަސައްކަތްތަކެވެ.

"މުޅި އެތި މެނޭޖްމުރުމުގައި އުޅެވިފައި މިހުރީ، ރަށްރަށަށް އޮޑިޝަންތަކުގައި ދިޔުމާއި ދެން ހުރިހާ ލޮޖިސްޓިކް ކަންތައްތަކެއް ހަމަޖެއްސުމާ، ޓީމް މިކޮޅުން [މާލެ] ދިޔުމުގެ ކުރިން ހުންނާނެ ތަނަކާއި ކާނެ ގޮތަކާ ހަމަޖެއްސުން، އަޅުގަނޑުމެން ކޮންމެ ރަށަކަށް ވެސް ކްރޫއަށްވުރެ ދެ ދުވަސް ކުރިން ގޮސް، ގާތްގަނޑަކަށް 35 މީހުންގެ ކްރޫއެއް މި ގެންގުޅެނީ، އެ 35 މީހުންގެ އެކޮމަޑޭޝަން، ފުޑް، ޓްރާސްޕޯޓް އެ ހުރިހާ ކަމެއް އެ ހުރިހާ ރަށެއްގައި ކުރުމުގެ މަސައްކަތް އަޅުގަނޑާ ހަވާލުވެފައި އޮތީ، އޭގެ އިތުރުން ފައިސާއާ ހަވާލުވެ، އެކަންތައް ނިންމުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައިން،" ނިޔާޒު ބުންޏެވެ.

ޕްރޮގްރާމް އުފެއްދުމުގެ މަސައްކަތްކުރާ ނިޔާޒަށް މިފަހަރު ކުރިން ނުކުރާ މަސައްކަތްތަކެއް ކުރަން ޖެހުނު ނަމަވެސް އެ މަސައްކަތް އޭނާ ކޮށްފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ. އެކަން އޭނާ ކަށަވަރު ކޮށްދިނެވެ. ނިޔާޒު ބުނިގޮތުގައި ކޮންމެ ރަށަކުން ވެސް ފައިބާފައިވަނީ އެ ރަށަކަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ، ފައިސާގެ މުއާމަލާތްތައް ނިންމުމަށްފަހު އެވެ. ނިޔާޒު ބުނި ގޮތުން އޮޑިޝަންތަކަށް ކަނޑައެޅި ބަޖެޓުން ބާކީކޮށް އެ ބައި އޮފީހާ ވެސް އޭނާ ވަނީ ހަވާލުކޮށްފަ އެވެ.

"އައިޑޮލްގެ ބަޖެޓް ހެދީ މުޅިން އެހެން ބައެއް، އަޅުގަނޑަށް އޮތީ އެ ބަޖެޓް ސްޕެންޑް ކުރުމުގެ ބައި، އެ ތަފާތު ތަޖުރިބާއެއް، މެނޭޖްކުރުމުގެ ބައި ރަނގަޅަށް އަޅުގަނޑަށް ގެންދެވޭތީ ކަމަށް ގަބޫކުރަނީ މެނޭޖްމެންޓުން އެ މަސައްކަތް ހަވާލުކުރީ އަޅުގަނޑަށް،" ނިޔާޒު ބުންޏެވެ.

މެނޭޖްމެންޓް ކުރުމުގެ އިތުރުން ވެސް ނިޔާޒު ވަނީ ވަރަށް ބުރަ މަސައްކަތެއް ކޮށްފަ އެވެ. އޮޑިޝަންތަކުގައި ބައިވެރިވި އެތައް ސަތޭކަ ކުދިންނެއް ހެއްވާލައި، ރޮއްވާލާފައިވަނީ ނިޔާޒެވެ. ކުދިން އޮޑިޝަންތަކަށް އައުމުން ޕްރި ކާސްޓިންކޮށް، އެ ކާސްޓިންގައި އެ ކުދިންނަށް ލިބުނު ނަތީޖާ ބުނަން އިންނަނީ ނިޔާޒެވެ. އެ ކުއްޖަކީ ޖަޖުންގެ ކުރި މައްޗަށް ދިޔުމަށް އެކަށީގެންވާ ކުއްޖެއްތޯ ނުވަތަ ނޫންތޯ އެ ކުއްޖެއް ކައިރީގައި ބުނަނީ ނިޔާޒެވެ. މިއީ ނިޔާޒަށް ކުރެވުނު ބޮޑު އަދި އުނދަގޫ ތަޖުރިބާއެކެވެ.

"އަޅުގަނޑުގެ ހަޔާތުގައި މިފަދަ ބޮޑު ޝޯއެއް ބާއްވާތީ ވެސް ފަހުރުވެރިވަން އަދި އަޅުގަނޑަށް ކޮންމެވެސް ހައިސިއްޔަތަކުން ޝޯގައި ބައިވެރިވުމަށް ފުރުސަތު ލިބުމުން ވެސް، ބައިވެރިވާން ފުރުސަތު ލިބުނީމާ ވަރަށް އުފާވޭ، އަސްލު ކަންކަން ކުރަންޖެހޭ ގޮތަށް ކުރަން މި ދަސްވީ އަސްލު، ބޮޑު އެކްސްޕީރިއެސްއެއް ލިބުނު، ދެން ކުރިއަށްހުރި އުފެއްދުންތަކަކަށް މީގެން ފައިދާ ކުރާނެ،" ނިޔާޒު ބުންޏެވެ.

"ލޮޖިސްޓިކަލީ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއި ގްރައުންޑްގައި ކުރަންޖެހޭ ހުރިހާ ކަމެއް އޮތީ އަޅުގަނޑާ ހަވާލުވެފައި، އެއީ މޮހެރެއް ގަންނަން ނަމަވެސް، ގޮނދަޑި އެއް ބާލީހެއް ނަމަވެސް އަޅުގަނޑު އެ ހުރިހާ ސްޕެންޑެއް ކުރަނީ، އެކަންކަން އަޅުގަނޑު ކޮށްދެނީ، 35 މީހުން ގޮވައިގެން އުޅެވުނު، ޓީމް ވަރަށް ޑިސިޕްލިން އަސްލު، އެ ޑިސިޕްލިންގައި ހުރިހާ އޮޑިޝަންތަކެއްގައި ހިފެހެއްޓުނު،" ނިޔާޒު ބުންޏެވެ.

ނިޔާޒާއި ރިޒާ އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ރަށްރަށުގެ ރައްޔިތުންގެ ހިތްހެޔޮ ކަމެވެ. ނިޔާޒު ބުނިގޮތުގައި އޮޑިޝަންތަކަށް ކަނޑައެޅި ބަޖެޓް އެ ބަޖެޓްގައި ތެރޭގައި ނިންމާލެވުނީ ރަށްރަށުން ލިބުނު އެއްބާރުލުމުގެ ސަބަބުންނެވެ. އަދި ރިޒާ އާއި ނިޔާޒު ގަބޫލުކުރާ ގޮތުގައި މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ފެންވަރު ރަނގަޅު ޝޯއެވެ. އަދި ޝޯގައި ކުރެވުނު މަސައްކަތްތަކާ މެދު ދެ މީހުން ވެސް ތިބީ ވަރަށް ހިންހަމަ ޖެހިފަ އެވެ. އަދި ޝޯގައި ކުރިއަށް ވެސް މަސައްކަތްތައް ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ. ރިޒާ އާއި ނިޔާޒުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދެމެވެ.