ބޮލީވުޑް

ސަތީޝް ކޯޝިކް މަރުވީތަ؟ ނޫނީ މަރާލީތަ؟

އެކްޓަރު-ޑައިރެކްޓަރު ސަތީޝް ކޯޝިކްގެ ކުއްލި މަރާ ގުޅިގެން މުޅި ބޮލީވުޑް ހިތާމަ ކުރަމުންދަނިކޮށް ދިއްލީގެ ވިޔަފާރިވެރިއަކު އަންބަކު މި މަރާ ގުޅޭ ގޮތުން ކުރިން މީހުން ޚިޔާލު ވެސް ކޮށްފައި ނެތް ވަރުގެ ވާހަކަތަކެއް ދައްކައިފި އެވެ. މި އަންހެންމީހާ ބުނި ގޮތުގައި ސަތީޝް މަރުވީ ގުދުރަތީ މަރަކުން ނޫނެވެ. އޭނާ ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފަ އެވެ.

ފުލުހުންނަށް ހުށަހެޅި ޝަކުވާއެއްގައި އަންހެންމީހާ ބުނެފައިވާ ގޮތުގައި ސަތީޝް މަރާލީ އަންހެންމީހާގެ ފިރިމީހާ އެވެ.

ސަތީޝް މަރުވުމުގެ އެތައް ގަޑިއެއްގެ ކުރިން އޭނާ ވަނީ އޭނާގެ އެކުވެރިޔާ އަދި ވިޔަފާރިވެރިއެއް ކަމަށްވާ ވިކާސް މަލޫގެ ފާމްހައުސްގައި އޭނާއާއެކު ހޯލީ (ފެނާއި ކުލައިގެ ފެސްޓިވަލް އެއް) ފާހަގަކުރުމުގެ ގޮތުން ނަށާ މަޖާ ކުރަން އުޅެފަ އެވެ.

އަންހެންމީހާ ބުނަނީ ސަތީޝް މަރާލީ އޭނާގެ ފިރިމީހާ ކަމަށާއި އެ ފާމް ހައުސް އިން މަނާ ބޭސްތަކެއް ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް އަންހެންމީހާގެ ފިރިމީހާ ވިކާސް މަލޫ މި ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ އޭނާގެ އަބުރު ގެއްލުވާލަން ބަޔަކު ރާވައިގެން އުޅޭ ރޭވުމެކެވެ.

"ފާއިތުވީ 30 އަހަރުއްސުރެ ސަތީޝް ޖީ އަކީ އަހަރެންގެ އާއިލާ. އަހަރެންގެ ހުރިހާ ވެސް މީހަކީ އެއީ،" ވިކާސް ލިޔެފައިވާ މެސެޖުގައި ވެއެވެ.

ވިކާސް އާއެކު ހޯލީ ފާހަގަކުރަން އުޅެފައި ސަތީޝް ނިދަން ދިޔައީ ރޭގަނޑު 9.30 ހާއިރު އެވެ. ދަންވަރު 12.00 ހާއިރު އޭނާ މެޔަށް އުނދަގޫތަކެއް ވާތީ މެނޭޖަރަށް ގުޅައިގެން ހޮސްޕިޓަލަށް ދިޔަ އެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ސީޕީއާރް ދެނިކޮށް ދަންވަރު 1.43ގައި ސަތީޝް މަރުވީ އެވެ.

ނަމަވެސް ވިކާސްގެ އަންހެނުން އިންޑިޔާގެ ނިއުސް އެޖެންސީއަކަށް ބުނި ގޮތުގައި ސަތީޝްގެ މެޔަށް އުނދަގޫވާން ފެށީ އޭނާގެ ފިރިމީހާގެ ފާމްހައުސްގައި ހުއްޓަ އެވެ. އަދި އެތަނުން ހުންނަން ނުވާ ކަހަލަ ބޭސްތަކެއް ފެނިފައިވާ ކަމަށެވެ.

ސަތީޝް އާއި ވިކާސްގެ މެދުގައި ފައިސާގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެސް ވިކާސްގެ އަންހެނުން ތުހުމަތުކޮށްފައި ވެއެވެ. އެއީ ފަހުން ދައްކާގޮތުން ސަތީޝް އަތުން ވިކާސް ނަގާފައިވާ 15 ކްރޯޑު ރުޕީސްގެ މައްސަލައިގައި ކަމަށާއި ފާއިތުވީ 2022ގެ އޮގަސްޓްގައި އެ ފައިސާ ނުދައްކައިގެން ސަތީޝް އާއި ވިކާސްގެ މެދުގައި ދެބަސްވުން ހިނގި ކަމަށް ވިކާސްގެ އަންހެނުން ބުނެފައި ވެއެވެ.

"ސަތީސް ދިން ފައިސާތައް ކޮވިޑް ދުވަސްވަރުވަނީ ޚަރަދުކޮށް ހުސްވެފަ. އަދި އެ ފައިސާ އަނބުރާ ދިނުމުގެ ވިސްނުމެއް އަހަރެންގެ ފިރިމީހާގެ ނެތް. ބްލޫ ޕިލްސް އާއި ރަޝިއާ އަންހެންކުދިން މެދުވެރިކޮށް ސަތީޝްގެ ދުވަސް ދުއްވާލާނެކަމަށް ފިރިމީހާ ބުނެފަވޭ. އަހަރެން ބޭނުންވަނީ މިކަންކަން ފުލުހުން ތަހުގީގުކޮށް ބަލަން،" އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި އަންހެންމީހާ ބުނެފައި ވެއެވެ.

މިހާތަނަށް މުމްބައި ފުލުހުން ބުނެފައިވަނީ ސަތީޝް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި އެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް ވިކާސްގެ އަންހެނުންގެ ބަޔާނާ ގުޅީގެން ފުލުހުން ވަނީ ވިކާސްގެ ފާމް ހައުސް އަށް ގޮސް އެ ތަން ބަލައި ފާސްކޮށްފަ އެވެ. އަދި ސަތީޝްގެ މަރުގައި ޝައްކު ކުރެވޭނެ އެއްވެސް ކަމެއް ވޭތޯ ވަނީ ބަލަން ފަށާފަ އެވެ.