އިންޑިއާ

ރޭލަކުން ފޭބި އަންހެނަކު ރޭލު ދަށަށް، އިންޑިއާ ބޮޑު ބަހުސްއަކަށް!

މީގެ ތިން ދުވަސް ކުރިން "ޓައިމްސް އޮފް އިންޑިއާ" އިން އާންމުކުރި ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަނީ، ދުއްވަމުންދިޔަ ރޭލަކުން ފޭބި، އަންހެނަކު ފައި އޮޅިގެން ވެއްޓި، ރޭލު ދަށު މަރުވާ މަންޒަރެވެ. މި ވީޑިއޯ އާންމުވުމާއެކު އިންޑިއާގެ ގިނަ ބަޔަކަށް ހިތްދަތިކަން ލިބުނެވެ. އަދި އެކަމާ ގުޅޭ ބޮޑެތި ބަހުސްތައް ކުރެވެން ފެށުނެވެ.

މި މަހުގެ 15 ވަނަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯ މީގެ ތިން ދުވަސް ކުރިން އާންމުކޮށްފައިވާއިރު، އަންހެން މީހާ ރޭލުން ފައިބަނީ، އެ ރޭލް މަޑުކުރަން ކައިރިވެފައި އޮއްވައެވެ. އުމުރުން 55 އަހަރުގެ އެ އަންހެން މީހާއަށް ރޭލުން ފޭބުމަށް އެހީވެ ދިނީ ފިރިހެނެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެހީ އަންހެން މީހާގެ ތިމާގެ މީހެކެވެ. އެ ދެ މީހުން މަސައްކަތް ކޮށްފައިވަނީ ރޭލް މަޑުކޮށް، އެންމެން ރޭލު ފައިބަން މަސައްކަތް ކުރުމުގެ ކުރިން ފޭބުމަށެވެ. ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނެވެ.

ވަގުތު ސަލާމަތް ކުރަން އުޅެނިކޮށް، އަންހެން މީހާއަށް ޖެހުނީ މި ދުނިޔެ ދޫކުރާށެވެ. އެ އަންހެން މީހާ ވެއްޓުމާއެކު އަންހެން މީހާގެ އިސްތަށިގަނޑު ރޭލު ދަގަނޑު ތެރެއަށް ވަންނަން މަންޒަރު ފެނެއެވެ. އަންހެން މީހާ މަރުވާން ދިމާވި ސަބަބަކީ އެއީ އެވެ. އިސްތަށިގަނޑު ރޭލު ދަގަނޑުގައި އޮޅުމުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑު ވެސް ރޭލު ދަށަށްދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ މުޅި ހަށިގަނޑު އޮތީ ޗިސްޗިސްވެ ކުދިކުދިވެފަ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ރޭލްތަކުގެ ހާލަތާ ގުޅޭ ގޮތުން ބޮޑެތި ބަހުސްތައް ވަނީ ފަށާފަ އެވެ. ރޭލަށް އާންމުންނަށް ރައްކާތެރި ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރޭލުން ފައިބާން އުޅުމުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެ އެވެ.

އަނެއް ބަޔަކު ގޯސްކުރީ އަންހެން މީހާ އެވެ. އެއީ ރޭލު މަޑު ނުކުރީސް އޭނާ ފޭބުމުންނެވެ. ރޭލު ދުއްވަމުން ދަނިކޮށް އެ ރޭލަކުން ފޭބުމަކީ މަނާ ކަމަކަށްވާއިރު މަނާ ކަމެއްގެ ކޮށްގެން ލިބޭ ގެއްލުމުގެ ޒިންމާ ރޭލް ސްޓޭޝަންތަކުން ނަގަން ނުޖެހޭނެ ކަމަށް އިންޑިއާގެ ބައެއް މީހުން ބުނެ އެވެ.

އިންޑިއާގެ ރޭލުތަކަކީ ބާރު ބޮޑު ރޭލު ތަކެކެވެ. އެތައް ހާސް މީހުންނެއް އެއް ފަހަރާ ރޭލްތަކަށް އަރާއިރު ފިތިގެން ވެސް މީހުން މަރުވެ އެވެ. އިންޑިއާގެ ގިނަ ރޭލްތަކަކީ ފެންވަރުގެ ގޮތުން ބެލި ނަމަވެސް ރަނގަޅު ރޭލްތަކެއް ނޫނެވެ.