މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމާމެދު އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް މިމަހު ގޮތެއް ނިންމަވާނެ އެވެ.
ޖޭޕީގެ ކައުންސިލްގެ ބައެއް މެންބަރުން އަވަސް އަށް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ގާސިމު އިބްރާހީމް މިމަހު ގޮތެއް ނިންމެވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މި ހަފްތާގެ ތެރޭގައިވެސް ގޮތެއް ނިންމެވުމަކީ ވަރަށް ކައިރި ކަމެކެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ޖޭޕީގެ ކައުންސިލުން ދީފައިވަނީ ގާސިމު އިބްރާހީމް އަށެވެ.
ޖޭޕީގެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރެއް ފާސް ކޮށްގެންނެވެ. މި ގަރާރު ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ޖޭޕީގެ ކޮންގްރެސްގައި އެޕާޓީގެ ކައުންސިލަށް ވަނީ ލަފާދީފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.