އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފް ހައްޔަރުކޮށްފި އެވެ.
އާސިފް ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.
އާސިފަކީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅެއްގެ އިތުރުން ޕީޕީއެމްގެ އިސްތިއުނާފް ކޮމިޓީގެ ނާއިބު މުގައްރިރެވެ.
އާސިފް ހައްޔަރުކުރުމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ސުލްހަވެރިކަމާއެކު ގެންދާ އިހުތިޖާޖުގައި ހަރަކާތްތެރިވާ މީހުންގެ ގާނޫނީ ކަންކަމުގައި އުޅުއްވާ ގާނޫނީ ވަކީލުންނަށް ސީދާ އަމާޒުކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ހިންގަމުން ގެންދާ ޣައިރު ގާނޫނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މިފަދަ ފިނޑި އަދި ނާތަހުޒީބު އަމަލުތަކަކީ ބަލައިގަނެވޭނޭ އަމަލުތަކެއް ނޫނެވެ. އަދި މިއީ ބިރު ދެއްކުމުގެ ޢަމަލެކެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އިހްތިޖާޖުގެ ތެރެއިން މީހުން ހައްޔަރުކުރާއިރު އެކަމުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުންވެސް ހައްޔަރު ކުރަމުންދާ ތަން ފެންނަ ކަމަށެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާތައް ކޮށްފައި ހުންނަކަންވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޒުވާން ކަނބަލަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އެ ޒުވާނާ ހޭނެތިފައިވާއިރު، އެ ޒުވާނާގެ ސިއްހި ހާލަތު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
"މިފަދަ ލާއިންސާނީ އަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު، މިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.