މުހައްމަދު ނާޒިމް

ވެޓެރެނަރީ ސެންޓަރެއް ގާއިމުކުރާނަން: ނާޒިމު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ވެޓެރެނަރީ ސެންޓަރެއް ގާއިމުކޮށް، ބުޅަލާއި ދޫނިފަދަ ޕެޓްތަކަށް އަޅާލާ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން ރޭ ބޭއްވި "ނުއިވޭ އަޑުތައް" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ވެޓެރެނަރީ ސެންޓަރެއް ގާއިމުކުރައްވާނެ ކަމަށެވެ.

ގިނަ ބަޔަކު ބުޅަލާއި ދޫނިފަދަ ޕެޓްސް ގެންގުޅޭކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ކަމާގުޅޭ ދިރާސާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. ބުޅަލާއި ދޫނިތަކާމެދު އަޅާނުލައި ދޫކޮށް ނުލާނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީގެ ސަރުކާރުގެ ވުޒާރާއެއްގެ މަސައްކަތުގެ ތެރޭގައި އެކަން ހިމަނައިގެން ބަލަހައްޓަވާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ވެޓެރެނަރީ ސެންޓަރު ގާއިމުކޮށް ވެޓެރެނަރީ ޑޮކްޓަރުންވެސް ތިބޭނެ ކަމަށާއި ޕެޓްތަކަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

ޕެޓް ގެންގުޅޭ ވެރިން ތަންތަނަށް ފުރައިގެންދާ ހާލަތުގައި އެ ތަކެތި ވަގުތީ ގޮތުން ބަލަހައްޓާނެ ތަންތަންވެސް ހުންނާނެ ކަމަށާއި މަގުމަތީގައި އުޅޭ ބުޅާތަކަށް އަޅާލެވޭނެ ނިޒާމެއް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވި އެވެ.