ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ މ. ޝުރާމަންޒިލް، ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު އާރިފް ވިދާޅުވީ ހާމިދު މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިޔަ ސަބަބުން ޝަރީއަތުގެ މަޖިލީހުގައި ހާމަކުރާނެ ކަމަށެވެ. އަދި އެ ދައުވާ އަނބުރާ ގެންގޮސް، ހިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާ ހާމިދުގެ މައްޗަށް އުފުލާފައިވާ ކަމަށް ވެސް އޭނާ މިއަދ ވިދާޅުވި އެވެ.
ހިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާ ހާމިދު އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ އުފުލާފަ އެވެ. އެ ދައުވާ އުފުލާފަިއވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ޅ. މާބިންހުރާ، ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ހިޔާނަތްތެރިވި ކަމުގެ ދައުވާއެވެ. ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލި މިއީ ދެވަނަ މައްސަލަ އެވެ. މާލެ އޮތޮޅު ފަޅެއް ގަވާއިދާ ހިލާފަށް ދޫކޮށް، އެއް މިލިއަން ޑޮލަރުގެ ޗެކާ ހިޔާނަތްތެރިވި ކަމަށް ބުނާ މައްސަލާގެ ޝަރީއަތް މިހާރު ފަށާފައިވާއިރު ޒިޔަތު ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
ދައުލަތުން މިއަދު އުފުލި ދައުވާއާ ގުޅޭ ގޮތުން ތިން ބޭފުޅުންނަށް މައުލޫމާތު ދިނުމަށް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. ދައުވާއާ ގުޅޭ މައުލޫމާތު ދިނުމަށްފަހު، މައްސަލާގެ ޝަރީއަތް ފެށުމަށް ތިން ބޭފުޅުންނަށް ވެސް ވަކީލުންގެ ހަމަޖައްސަން ވަނީ އަންގާފަ އެވެ.
އެމްއެމްޕީއާރްސީ މައްސަލާގައި މިހާރު ވެސް އަދީބުގެ މައްސަލައެއް ކޯޓުގައި ކުރިއަށްދެ އެވެ. އެ މައްސަލާގެ ދެ އަޑުއެހުން ބާއްވާފައިވާއިރު އެއީ މާލެ އަތޮޅު ފަޅެއް ގަވާއިދާ ހިލާފަށް ދޫކުރި މައްސަލައެކެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އެވެ. ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ އިތުރުން އަދީބު މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.