މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޖޭޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވާ މީހުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކޮށްފަ އެވެ.
ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެންބަރުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޕްރައިމަރީއަކުންނެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.