ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖޭޕީގެ ނިންމުމާއި ގުޅިގެން ރައީސް ސޯލިހް މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަކުރަން ނިންމާފައިވާތީ ކޯލިޝަން ކުރިއަށްގެންދާނެ ގޮތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާ ކުރައްވައިފި އެވެ.

މުލިއާގޭގައި ބުދަ ދުވަހު ހަވީރު ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ކުރިއަށް ގެންދާނެ ގޮތާއި ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޖޭޕީން މި ނިންމުން ނިންމީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް ރައީސް ސޯލިހް ސިޓީފުޅެއް މިދިޔަ މަހުގެ 19 ވަނަ ދުވަހު ފޮނުއްވާފައި ވަނިކޮށެވެ.

ޖޭޕީއާ ނުލާވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންގެ އިތުރުން ސަރުކާރުގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރާ ބޭފުޅުންނާއި އެކު ސަރުކާރު ހިންގުން ދަތި ވާނެ ކަން މިއުވާން ވަނީ ފާހަގަކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.